ކުޅިވަރު

ސަޕޯޓަރުންގެ އެހީ ޒުވާން ކުޅުންތެރިންނަށް ބޭނުންވޭ: ޝިއުރީ


މި މަހު ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޓޭޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީޓީ ޓީމަށް ސަޕޯޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުގައި ޝިއުރީ ވިދާޅުވީ، ރާއްޖޭގެ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިން ތިބުން އެއީ ލިބޭ ފައިދާއެއް ކަމަށާއި، އެކަމަކު އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު ޒުވާން ކުޅުންތެރިންނަށް ސަޕޯޓަރުންގެ އެހީބޭނުންވާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

ޝިއުރީ ވިދާޅުވީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ރަށުން ބޭރުގައި ދިވެހި ޓީމަށް ލިބުނު ސަޕޯޓު އަމިއްލަ ފަސްގަނޑުގައިވެސް ބޭނުންވާނެ ކަމަށެވެ. އަދި އައިއޯއައިޖީގައި ހޯދި ކާމިޔާބީ ތަކުރާރުކުރަން މިއީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ޝިއުރީ ވިދާޅުވިއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ފައިނަލުގައި ވާދަކޮށްފައެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.