ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިވަޕޫލުން ކަށަވަރުކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލުން ލިވަޕޫލް ޖާގަހޯދީ ސެމީ ފައިނަލްގައި ވިޔަރެއާލާ ބައްދަލުކޮށް ކުޅުނު ދެ މެޗް 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ލިވަޕޫލްގެ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކުރިއިރު، ވިޔަރެއާލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް ލިވަޕޫލުން ކާމިޔާބުކުރީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗްގައި ދެ ޓީމްގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި ޚާއްސަކޮށް ފުރަތަމަ މެޗްގައި ވިޔަރެއާލްގެ ފަރާތުން ފެނިގެންދިޔަ ޑިފެންސިވް ކުޅުމަށްފަހު މިމެޗްގައި އެޓީމުން ދެއްކި އެޓޭކިންގ ގޭމްގެ ސަބަބުން ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެންދޔައެވެ. އަދި ހާއްސަކޮށް ފުރަތަމަ ހާފްގައި ވިޔަރެއާލްއިން ދެއްކި ކުޅުމުހެ ސަބަބުން ލިވަޕޫލަށްވެސް ހައިރާންކަން ލިބިގެންދިޔައެވެ.
އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ވިޔަރެއާލްއިން ފެނިގެންދިޔައީ ހަމަލާއަށް އިސްކަންދީގެން ކުޅުނު ތަނެވެ. ނަތީޖާއަކަށްވެގެންދިޔައީ މެޗްގެ ތިންވަނަ މިނެޓްގައި އެ ޓީމުން މިމެޗްގެ ލީޑު ނަގުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެޓިއެން ކަޕޫގެ ޕާހަކުން ބޮއުލާޔޭ ޑިއާއެވެ. އަދި ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނީކޮށް ކަޕޫ ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި ފްރެންސިސް ކޮކުއަލިން ވަނީ މިމެޗްގައި ވިޔަރެއާލްއަށް ދެ ލަނޑުގެ ލީޑެއް ނަގާދީ އެގްރިގޭޓް ނަތީޖާއިން ހަމަހަމަކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފަށް ނިކުންއިރު ލިވަޕޫލްގެ ކުޅުން ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފައެވެ. އެގޮތުން މެޗްގެ 62 ވަނަ މިނެޓުގައި ލިވަޕޫލްއިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާ އަނެއްކާވެސް އެގްރިގޭޓް ނަތީޖާއިން ކުރިހޯދިއެވެ. އަދި މިލަނޑު ޖެހިތާ ފަސް މިނެޓްފަހުން ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެގޮތުގައި ކުޅެން އެރި ލުއިސް ޑިއޭޒްވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓް ނަތިޖާގައި ދެލަނޑުގެ ލީޑެއް ނަގާދީފައެވެ. އަދި މިމެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗްގެ 74 ވަނަ މިނެތްގައި ޖަހާދިނީ ސާޑިއޯ މާނޭއެވެ.
މި މެޗުގައި ވިޔަރެއާލްއިން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހީނަރުކަމެއް އައީ އެ ޓީމްގެ ދެލަނޑު ޖެހުމުގައިވެސް އެހީތެރިވެދިން ކަޕޫއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.
މިކާމިޔާބީއާއެކު ލިވަޕޫލުން ވަނީ މިސީޒަންގައި ހަތަރު ތަށި ކާމިޔާބު ކުރަމުންދާ އުންމީދު އަދިވެސް ގެއްލުވާނުލާ ދަމަހައްޓާފައެވެ. މިމުބާރާތުގެ ފައިނަލްގައި ލިވަޕޫލާއި ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑްގެ މެދުގައި މިރޭ ކުޅޭ ސެމީފައިނަލް މެޗަށްފަހުއެވެ. މިދެތީމްގެ މެދުގައި ކުޅުނު ފުރަތަމަ މެޗް 4 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ސިޓީއެވެ.