ޚަބަރު

ޔޫކްރެއިނުގައި ޙަމަލާބަދަލުކުރުން ހުއްޓާލަން މޯދީ ގޮވާލައްވައިފި


ޔޫކްރެއިނުގައި ޙަމަލާބަދަލުކުރުން ހުއްޓާލަން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފިއެވެ.

ވިލާތުގެ ބައެއް ޤައުމުތަކަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޑެންމާކުގެ ވެރިރަށް ކޯޕެންހޭގަންނަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ ޔޫކްރެއިނުގައި ޙަމަލާބަދަލުކުރުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭކަމަށެވެ. އަދި ރަޝިޔާއާއި ޔޫކްރެއިނުން މަޝްވަރާކޮށްގެން އުފެދިފައިވާ މައްސަލަތަކަށް ޙައްލެއް ގެންނަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މޮޅުވާނެ އަދި ފައިދާވާނެ ބައެއް ނެތެވެ. އެހެންކަމުން އިންޑިޔާއިން އިސްކަންދެނީ ޞުލްޙަވެރިކަން ޤާއިމުކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދޭން ފެށިފަހުން ޙަމަލާބަދަލުކުރުން ހުއްޓާލުމަށް މޯދީ ގޮވާލެއްވި ފުރަތަމަ ފަހަރެވެ. އެ މައްސަލާގައި އިންޑިޔާއިން ގެންގުޅެނީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތުތަކެކެވެ. އެހެންކަމުން ރަޝިޔާގެ ޢަމަލުތައް ކުށްވެރިކޮށް މޯދީ ވާހަކަފުޅުދައްކަވައިފައެއް ނުވެއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިންޑިޔާއިން ތަންފީޒުކޮށްފައިނުވުމުން އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ފާޑުކިޔުންވަނީ އިންޑިޔާއަށް އަމާޒުވެފައެވެ.

ޑެންމާކަށް ވަޑައިގެންނެވުމުގެ ކުރިން މޯދީވަނީ ޖަރުމަންވިލާތަށް ވަޑައިގެން އެ ޤައުމުގެ ޗާންސެލަރ އޯލާފު ސޮލްޒްސާ ބައްދަލުކުރައްވައިފައެވެ. މޯދީގެ ދަތުރުފުޅާ ދިމާކޮށް ޖަރުމަންވިލާތުންވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް އިންޑިޔާއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް 10.51 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިފައެވެ. މޯދީއާ ބައްދަލުކުރެއްވުމަށްފަހު ސޮލްޒްސް ވިދާޅުވީ ދެ ޤައުމުގެ މެދުގައި އެއްބަސްވެވޭ ސިޔާސަތުތައް ކުރިއެރުވުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުން މުޙިއްމުކަމަށެވެ.

ޖަރުމަންވިލާތާއި ޑެންމާކަށްފަހު މޯދީ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ފަރަންސޭސިވިލާތަށެވެ.