ޚަބަރު

ޔޫކްރެއިނުގެ ނިޔޯ ނާޒީންނަށް އިސްރާއީލުން ތާޢީދުކުރާކަމުގެ ތުޙުމަތު


ޔޫކްރެއިނުގައި ޙަރަކާތްތެރިވާ ހަރުކަށި ވިސްނުމުގެ ނިޔޯ ނާޒީންނަށް އިސްރާއީލުން ތާޢީދުކުރާކަމަށް ރަޝިޔާއިން ތުޙުމަތުކޮށްފިއެވެ.

އިޓަލީވިލާތުގެ ޓީވީ ޗެނަލަކާ ވާހަކަދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގައި ލަވުރޯފުވަނީ ނާޒީ ޖަރުމަންވިލާތުގެ އެންމެ އިސްވެރިޔާކަމަށްވާ އެޑޮލްފް ހިޓުލަރަކީ ޔަހޫދީއެއްކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ތާޢީދުކުރަނީ ޔޫކްރެއިނުގެ ނިޔޯ ނާޒީ ޖަމާޢަތްތަކަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު އިސްރާއީލުންވަނީ އެ މައްސަލާގައި ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ބޮޑު ޚާރިޖީ މައްސަލައެއްވަނީ އުފެދިފައެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޓުލަރުގެ ޒަމާނުގައި ޔަހޫދީންނަށް ބޮޑެތި ލާއިންސާނީ ޖަރީމާތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ފަހުގެ ޔަހޫދީ ޖީލުތައް މަސައްކަތްކުރަނީ ނިޔޯ ނާޒީންނާއެކުކަމަށެވެ. އަދި އެ ކަން ޔޫކްރެއިނުން ވަރަށް ބޮޑަށް ފެންނަން އޮތްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ގޮތުން ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއަކީ ޔަހޫދީ ދަރިކޮޅަށް ނިޞްބަތްވަޑައިގަންނަވާ ބޭފުޅަކަށްވި ނަމަވެސް އޭނާވެސް މަސައްކަތްކުރައްވަނީ ނިޔޯ ނާޒީންގެ ޙަރަކާތްތައް ކުރިއެރުއްވުމަށްކަމަށް ރަޝިޔާއިން ތުޙުމަތުކޮށްފައިވެއެވެ. އަދި ސިޔާސީ ކަންކަމަކީ އެއްވެސް ނަސަބަކަށް ޚާއްޞަކަމެއް ނޫންކަމަށް ބުނެ ރަޝިޔާއިންވަނީ އިސްރާއީލާއި ޔޫކްރެއިނުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ރަޝިޔާއިން ފެށި ނަމަވެސް އެ ޤައުމާ ދެކޮޅަށް އިސްރާއީލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް އިސްރާއީލުން އެފަދަ ފިޔަވަޅުތަކެއް ރަޝިޔާއާ ދެކޮޅަށް އަޅާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ރަޝިޔާއި ޔޫކްރެއިނާ ދެމެދު ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް މަޝްވަރާކުރުމަށް މެދުވެރިއެއްގެ ދަޢުރުޢަދާކުރުމަށް އިސްރާއީލުން ހުށަހަޅައިފައިވެއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ދެ ޤައުމުގެ ގުޅުން ގޯސްވެ އިސްރާއީލުންވަނީ ޔޫކްރެއިނުގައި ރަޝިޔާއިން ލާއިންސާނީ ޖަރީމާތަކެއް ހިންގާކަމަށް ތުޙުމަތުކޮށްފައެވެ.