ޚަބަރު

އިންޑިޔާގެ އެހީތެރިކަން ދިވެހި އަސްކަރިއްޔާއަށް އަބަދުވެސް ލިބޭނެ


ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ބޭނުންވާ އެހީތެރިކަމެއް އޮތްނަމަ އެކަމެއް ހުށަހެޅުއްވުމުން އެކަންކަން ހަމަޖެހިގެންދާނެ ކަމުގެ ޔަޤީންކަން އިންޑިޔާގެ ދިފާއީ ވަޒީރު މަނޯހަރު ޕައްރިކަރު ދެއްވައިފިއެވެ. 

އިންޑިޔާގެ ދިފާއީ ވަޒީރު މި ޔަޤީންކަން ދެއްވާފައިވަނީ، ރާއްޖޭގެ ދިފާއީ ވަޒީރު އާދަމް ޝަރީފް އުމަރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނިއުދިއްލީގެ ކޮޓާ ހައުސްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. 

މިބައްދަލުކުރެއްވުމުގައި ދިފާޢީ އަދި އަސްކަރީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އިންޑިޔާގެ ދިފާއީ ވަޒީރު މަނޯހަރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އަސްކަރިއްޔާއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ބަދަލެއްނެތި ކުރިއަށް ގެންދަވަން ހުންނެވި ކަމަށާއި، ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ބޭނުންވާ އެހީތެރިކަމެއް އޮތްނަމަ، އެކަމެއް ހުށަހެޅުއްވުމުން އެކަންކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ. 

މީގެ އިތުރުން ދެ ޤައުމުގެ އަސްކަރީ ދާއިރާ ގުޅިގެން މިހާރު ކުރެވެމުންދާ މަސައްކަތްތަކާއިބެހޭ ގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މުޙައްމަދާއި، ދިވެހި އަސްކަރިއްޔާގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ. 

މީގެ އިތުރުން އިންޑިޔާގެ ދިފާއީ ވަޒީރު ދެއްވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ދަތުރުފުޅުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.