ޚަބަރު

ރަމަޟާން މަސް ނިމުނުނަމަވެސް، އޯގާތެރިވެ، ޙަމްދަރުދީވެ ދީލަތިވޭ: މިނިސްޓަރ ޝާހިދު


ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ނަމަވެސް، މީހުންނާމެދު އޯގާތެރިވެ، ޙަމްދަރުދީވެ އަދި ދީލަތިވުން މަތީ ދެމިތިބުމަށް ފޮރިން މިނިސްޓަރ އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް، އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފިޠުރު ޢީދުގެ މުނާސަބަތުގައި ދެއްވި މެސެޖްގައި ވަނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމުގައި ދެމިތިބުމަށް ގޮވާލާފައެވެ.

ފިޠުރު ޢީދަކީ އުފާފާޅުކޮށް، އެކުވެރިކަން އާލާކުރުމަށް މުސްލިމް މުޖްތަމައަށް ލިބޭ ފުރުސަތަކަށްވީހިނދި، ދުނިޔެއަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި ފަޤީރުކަންފަދަ ކަންތައްތަކާމެދު ވިސްނާލުމަށް މިނިސްޓަރ ޝާހިދުވަނީ އެދިވަޑައިގެންފައެވެ. އަދި އިޙްސާންތެރިކަމާއި، އޯގާތެރިކަމާއި، ސުލްޙަފަދަ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން، މިމައްސަލަތަކަށް ހައްލު ހޯދުމަށް މަގު ހޯދުމަށްވެސް އެމަނިކުފާނުގެ ޢީދު މެސެޖްގައިވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ އދ.ގެ އާއްމު މަޖިލީހުގައި މިރަމަޟާންމަހުގެ ފަހު ހުކުރު ނަމާދު އިމާމުވެ ކުރައްވާފައެވެ. މިއީ އދ.ގެ ތާރީޚުގައިވެސް ދިވެއްސަކު، އދ.ގެ މައިމަރުކަޒުގައި ހުކުރު ނަމާދު އިމާމުވެކުރެއްވި ފުރަތަމަ ފަހަރެވެ.

އެމަނިކުފާނުގެ ޚުތުބާގައި ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ފުށުން މީހުންނަށް ފުރައްސާރަ ކުރިމަތިވެ އެހެން މީހުންގެ ހައްގަށް އަރައިގަންނަ ހިނދު މާތްﷲގެ ހަޟްރަތުން ހިތްހަމަޖެހުމަކަށް އުންމީދުކޮށްގެން ނުވާނެކަމަށެވެ. އަދި ހަމަނުޖެހުން އުފައްދައި ސުލްހަ މަސަލަސްކަން ނަގާލާ މީހާ އެތަބާ ވަނީ އޭނާގެ ހަވާނަފްސަށްކަމަށާއި އެފަދަ ހާލުގައި އެމީހަކަށް އާޚިރަތުގައިވެސް އަމާންކަން ނުލިބޭނެކަމަށް ޚުޠުބާގައި ޝާހިދު ވިދާޅުވިއެވެ.