ކުޅިވަރު

ވެސްޓް ހޭމް ބަލިކޮށް އާސެނަލުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ބަލިކޮށް އާސެނަލްއިން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލައިފިއެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވަެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ވެސްޓް ހޭމްއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ އާސެނަލްއިން ނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޑިފެންޑަރ ރޮބް ހޯލްޑިންގއެވެ. މިއީ ޕްރިމިއަރ ލިގުގައި 81 ވަނަ މެޗް ކުޅެމުންދިޔަ ހޯލްޑިންގ އަށް ޕްރިމިއަރ ލީގުގައި ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ. މިމެޗްގައި ވެސްޓް ހޭމްއިން އެއްވަރު ކުރި ލަނޑު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޖަހާދިނީ ޖެރޮޑް ބޮވެން އެވެ.

މިލަނޑާއެކު ދެވަނަ ހާފްގައި ވެސްޓް ހޭމްގެ ފަރާތުން އިތުރު ލަނދެއް ފެނގެންދިއުން ގާތްވާނެކަމަށް ހީވި ނަމަވެސް ދެވަނަ ހާފްގެ 54 ވަނަ މިނެޓްގައި އަނެއްކާވެސް ފެނިގެންދިޔައީ އާސެނަލްއިން ލިޑު ނެގި ތަނެވެ. މިލަނޑު އެޓީމަށް ޖަހާދިނީވެސް ފަހަތަށް ކުޅޭ ކުޅުންތެރިއެއް ކަމަށްވާ ގެބްރިއެލް މަގަލާއެސްއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ހާމަކުރިގޮތުގައި އޭނާގެ ޓީމަށް މިމެޗްގައި މާ ރަނގަޅަށް ނުކުޅެވުނު ކަމަށެވެ. އަދި މިއަދު މިމޮޅުވީ ހަޑި ކުޅުމެއް ކުޅެގެންކަމަށްވެސް އޭނާ ސިފަކުރިއެވެ. ވެސްޓް ހޭމްގެ ކޯޗް ޑެވިޑް މޮޔެސް ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ނަމަވެސް ދެ ސެޓް ޕީސްއެއް ކައްސާލައިގެން ދިޔައީކަމަށެެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ 34 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ވެސްޓް ހޭމް އުޅެނީ ކުޅުނު 35 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ.