ކުޅިވަރު

ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައި، ގުރުލުން ކުރިއަށް ގެންގޮސްފި


ކުޑަޢީދާ ދިމާކޮށް ކުރިއަށް ގެންދާ ކުޅިވަރުގެ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާ މުބާރާތުގެ ގުރުލުން ކުރިއަށް ގެންގޮސްފިއެވެ.

ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖެއްސުމާއެކު މިއަހަރުގެ މުބާރާތް ކުރިއަށްދާނީ "އެމްޓީސީސީ ބައިބަލާ ޗެލެންޖު"ގެ ނަމުގައެވެ.

އާދީއްތަ ދުވަހުގެރޭ މާގިރި ހޮޓަލުގައި ބޭއްވި ހަފްލާއެއްގައި ބައިބަލާ އެސޯސިއޭޝަނުން ވަނީ ޓައިޓަލް ސްޕޮންސަރ އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އާތިފް ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އާޒިމް ވިދާޅުވީ ބައިބަލާ ފަދަ ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތައް ސްޕޮންސަރ ކުރުމުގައި އެމްޓީސީސީން ދެމިތިބޭނެ ކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބައިބަލާ އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކަށް އެ ކުންފުނީގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ބައިބަލާ އެސޯސިއޭޝަނުގެ ރައީސް އާތިފް ވިދާޅުވީ، މިފަދަ ބޮޑު މުބާރާތެއް ބޭއްވިގެންދަނީ ކްލަބްތަކުގެ އެއްބާރުލުމާއެކުގައި ކަމަށާއި، އެހެންކަމުން ކްލަބްތަކުން އެސޯސިއޭޝަނަށް ވެދެއްވާ އެހީ ފާހަގަކުރާ ކަމަށެވެ.

މި ހަފްލާގައި ވަނީ ބައިބަލާ މުބާރާތުގެ ގުރުލުންވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މުބާރާތުގައި ބައިވެރިވި 34 ޓީމު ފުރަތަމަ ކުޅެންޖެހޭނެ މެޗުތައް ވަނީ ގުރުއަތުން ނަގައިފައެވެ. މި މުބާރާތުގެ މެޗުތައް ކުޅެވިގެންދާނީ ނޮކްއައުޓް އުސޫލުންނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.