ޚަބަރު

ރަޝިޔާއަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން މަޝްވަރައެއް ނުކުރޭ: ޔޫކްރެއިނު


ރަޝިޔާއަށް ދެކޮޅަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން މަޝްވަރާކުރަމުންދާކަމަށް އެ ޤައުމުން ބުނި ނަމަވެސް ޔޫކްރެއިނުން އެ ވާހަކަ ދޮގުކޮށްފިއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގައި ލަވުރޯފު ވިދާޅުވެފައިވަނީ ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ޔޫކްރެއިނާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓާނުލާކަމަށާއި ކޮންމެ ދުވަހަކުވެސް ވީޑިޔޯ މެދުވެރިކޮށް ދެ ޤައުމުގެ ވަފުދުތައް ވާހަކަދައްކަމުންދާކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުން ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުންވެސް ވާހަކަދައްކަމުންދާކަމަށް ލަވުރޯފު ވިދާޅުވިއެވެ.

ރަޝިޔާއާއެކު ކުރަމުންދާ މަޝްވަރާތަކުގައި ބައިވެރިވާ ޔޫކްރެއިނުގެ ވަފުދުގައި ހިމެނިވަޑައިގަންނަވައި މީޚައިލޯ ޕޮދޮލްޔަކްވަނީ ލަވުރޯފުގެ ވާހަކަތައް ދޮގުކުރައްވައިފައެވެ. އަދި ލަވުރޯފަކީ މަޝްވަރާގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށް ޕޮދޮލްޔަކް ވިދާޅުވެފައިވެއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުންކަމަށާއި އެއީ ޔޫކްރެއިނާ މަޝްވަރާކޮށްގެން އުވާލެވޭނެ ފިޔަވަޅުތަކެއް ނޫންކަމަށެވެ. އަދި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ބޭނުންވުމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އޭނާވަނީ ރަޝިޔާއާއެކު ކުރަމުންދާ މަޝްވަރާތަކުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާމެދު ވާހަކަނުދެއްކޭނެކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިނުން ބުނެފައިވާ ގޮތުގައި ރަޝިޔާއާއެކު ކުރަމުންދާ މަޝްވަރާތަކުން ނަތީޖާއެއް ނުނެރެވި ހުއްޓާލަންޖެހިދާނެކަމަށް ބުނެފައެވެ. އެ ދެ ޤައުމުގެ ވަފުދު އެއް މޭޒެއްގެ ދޮށުގައި އެންމެފަހުން ބައްދަލުކޮށްފައިވަނީ މާރިޗު މަހުގެ 29ވަނަ ދުވަހުއެވެ. އަދި ރަޝިޔާއިން ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ހިޔަނިވަނީ މަޝްވަރާތަކަށް ވަރަށް ބޮޑަށް އެޅިފައެވެ.

ހުޅަނގުގެ ބާރުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުގެ ރަނާއި ބޭރު ފައިސާގެ ރިސާވުގެ %50ވަނީ ހިފަހައްޓައިފައެވެ. އޭގެ އިތުރުން ރަޝިޔާގެ ވިޔަފާރިތަކާއި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށްވެސް ހަރުކަށި ފިޔަވަޅުތަކެއް ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އަޅައިފައެވެ.