ޚަބަރު

ސީއާރުސީ ތަންފީޒުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުން


ރާއްޖެއިން ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ ނުވަތަ
ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ)ގައި ބަޔާންކޮށްފައިވާ
މާއްދާތައް ފުރިހަމަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން
ގެންދަވާކަމަށް ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިމޭރުމުން
ވާހަކަފުޅު ދައްކަވާފައިވަނީ ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ
މުއާހަދާ ނުވަތަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ)ގެ 71
ވަނަ ބައްދަލުވުމުގައި ބޭއްވި، ރާއްޖޭގެ ޙާލަތު މުރާޖައާކުރުމުގެ ބައިގެ
ނިންމުމުގެ ސެޝަންގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.



އަނިލް ވިދާޅުވީ ދިވެހި
ރާއްޖެއިން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރާމަސައްކަތުގެ ދަށުން
ވަރަށް ފުރިހަމަ، ހަރުދަނާ އަދި ދެމެހެނެއްޓެވި ނިޒާމެއް ޤާއިމްކުރަމުންދާކަމަށެވެ.




ބަންޑާރަ ނައިބް އަނިލް ވިދާޅުވީ
ކުޑަކުދިންގެ ހައްޤުތައް ހިމާޔަތް ކުރާ ބައިނަލް އަޤްވާމީ އިދާރާގެ މުރާޒާކުރާ
ސެޝަންގައި ރާއްޖެއިން ބައިވެރިވެވަޑައިގަތީ ކުޑަކުދިންގެ ހައްޤުތައް
ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި ލިބިފައިވާ ކުރިއެރުންތަކާއި، އަދި
ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށް، އެކިފަރާތްތަކުގެ ލަފަޔާ އިރުޝާދު
ލިބިގަތުމަށްކަމަށެވެ. ރާއްޖެއިން މިބައްދަލުވުމުގައި ބައިވެރިވި އެންމެ މުހިއްމު
ސަބަބަކީ ކަމާގުޅުންހުރި ބައިނަލްއަޤްވާމީ އިދާރާތަކުގެ ކަންބޮޑުވުންތައް ދެނެގަނެ، ރާއްޖެއިން ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމަށް
ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭނޭ ގޮތްތައް ދެނެގަތުމަށްކަމަށް ބަންޑާރަ
ނައިބް ވިދާޅުވިއެވެ.



އަދި މިސެޝަންގައި މަޝްވާރާ
ހިއްސާކުރެވުނު މައުލޫމާތުގެ މައްޗަށް ބަލާއިރު އިގިގެން ގޮސްފައިވަނީ ރާއްޖެ
ޤައުމެއްގެ ގޮތުން ތަރައްޤީގެ މަގުގައި ކުރި އަރަމުން އަންނަ ބާރުމިންކަމަށް
އަނިލް ވިދާޅުވިއެވެ.



ސީއާރްސީގެ މުއާހަދާ ރާއްޖެއިން
ތަންފީޒުކުރާ މިންވަރު ދެނެގަތުމަށް ބޭއްވި މި މުރާޒާ ސެޝަން ނިންމަވާލައްވަމުން
ބަންޑާރަ ނައިބް އަނިލްވަނީ ސެޝަންގައި ބައިވެރިވި ބޭފުޅުންނަށް ޝުކުރު
ދަންނަވާފައެވެ. ބަންޑާރަ ނައިބް އަނިލް ވަނީ ރާއްޖެއިން ބައިނަލް އަޤްވާމީ
ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމާއި ބެހޭ މުއާހަދާ ތަންފީޒުކޮށްފައިވާ
މިންވަރު ދެނެގަތުމަށް ސީއާރުސީއިން އެކުލަވާލާފައިވާ ރިޕޯޓްގައި ރާއްޖޭގެ އާންމު
ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އެކުލަވާލާފައިވާތީ އެކަން
ފާހަގަކުރައްވާފައެވެ.



އަދި ރާއްޖޭގެ ކުޑަކުދިންނަށް
އުފާފާގަތި ދިރިއުޅުމެއް ހޯދަދިނުމަށްޓަކައި، އެކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް
ބޭނުންވާ ޤާނޫނުތަކާއި ޤަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރަމުގައި ސަރުކާރުން
އަބަދުވެސް ދެމިހުންނަވާނެކަމަށް އަނިލް ވިދާޅުވިއެވެ.



ސީއާރުސީގެ މި ބައްދަލުވުން
ކުރިޔަށްދަނީ ޖެނީވާގައި މިމަހުގެ 11 އިން 29 އަށެވެ. ލރާއްޖެއަށް ކަޑައެޅިފައިވާ
ސެޝަން މިހާރު މިވަނީ އެކުގައި ނިންމާލާފައެވެ.