ޚަބަރު

މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު ތައުލީމީ ދާއިރާއަށް ނިކުންނަ ޓީޗަރުން އިތުރުވާނެ: މިނިސްޓަރ


ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއި ގުޅިގެން މި ދާއިރާގައި ރަނގަޅު ޓީޗަރުން ހިފެހެއްޓުމަށް ބާރަކަށް ވެގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން މޭމަހުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް އައި ހެޔޮ ބަދަލާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، ޓީޗަރުންނަށް ދެމުންދާ މުސާރައާއި އެމީހުން ކުރާ މަސައްކަތާއި މިހާރު ނުބައްދަލު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް އިސްނަންގަވައިގެން ވަރަށް ފަހުން ތައުލީމީ ދާއިރާގެ ދިރާސާއެއް ހައްދަވާފައިވާކަމަށެވެ. އަދިދިރާސާއިން ދައްކާގޮތުން ތައުލީމީ ދާއިރާއަށް ނިކުންނަ އައު ކުދިން ފަސްޖެހެނީ ކުރާ މަސައްކަތާއި ލިބޭ މުސާރައާއި ނުބައްދަލު ކަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ޓީޗަރުންގެ މުސާރައަށް އައި ހެޔޮ ބަދަލާއެކު ރަނގަޅު ކުދިން މިދާއިރާއަށް ގުޅޭނެކަމަށާއި އަދި މިހާރު ތިބި ރަނގަޅު މުދައްރިސުންވެސް އެހެން ވަޒީފާތަކަށް ނުދާނެކަމަށް އުންމީދުކުރާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

"ޓީޗަރުން މިކުރާ މަސައްކަތަކީ ހަޤީގަތުގައި އަޅުގަނޑުމެންނަށް އަގު ކުރެވޭނެ މަސައްކަތެއް ނޫން. މިހާރުވެސް ދެވޭ އުޖޫރައަކީ ރެސްޕޯންސިބިލިޓީއާއި ނުބައްދަލު އުޖޫރައެއް އަޅުގަނޑުމެން ދެމުންމިދަނީ. އެހެންވީމަ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ ކުރާ މަސައްކަތުގެ ހައްޤު އަގު ދެވޭތޯ. އެހެންވީމަ މިހާރު މިއައި ހެޔޮ ބަދަލާއި އެއްކޮށް ރަނގަޅު އެއްޗެއް މުދަރިއްސުންނަށް އަބުރުވެރިކަމާއިއެކު ދިރިއުޅޭވޭނެ ވަރުގެ އެއްޗެއް ލިބިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި މި ބަދަލާއެކީ ޓީޗަރުންގެ މުސާރަތައް 56 ޕަސެންޓު ބޮޑުވާނެއެވެ. އަދި މި ބަދަލާއެކު ރޭންކް 1 ގެ ޕްރިންސިޕަލުންނަށް 82 އިންސައްތަ އަދި ރޭންކް 2ގެ ޕްރިންސިޕަލުންނަށް 59 އިންސައްތައިގެ މުސާރައިގެ ކުރިއެރުމެއް އަންނާނެއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރެއްވިކަން އިއުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުވުމުން ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެކަމަށެވެ.