ޚަބަރު

ޓީޗަރުންގެ މުސާރަ ބޮޑުވުމުން ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ: ރައީސް


ޓީޗަރުންގެ މުސާރަ ބޮޑުވުމުން ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު މިހެން ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކުރެއްވިކަން އިއުލާންކުރެއްވުމަށް މިއަދު ޤައުމާއި މުޚާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ޚިޠާބުގައި ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭ ވަރަށްވުރެ މާމަތިވެރި ކަމެއްކަމަށް ސިފަކުރައްވާ ވިދާޅުވީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ތަޢުލީމީ ދާއިރާއަށް އިތުރުކުރި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ޤަބޫލުކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ކޮންމެ ޤައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެޤައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާކަމެއްގެ މައްޗަށްކަމަށާއި، ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަމަށް ޔަޤީންކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ޙައްޤުވާ މިންވަރަށްވުރެ މާދަށް އުޖޫރައެއްގައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް. މިމުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ. އިރާދަކުރެއްވިއްޔާ މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް. ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި، ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާ އަދި އެނޫން ދާއިރާތަކުންވެސް، ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ތަޢުލީމީ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުގެ މުސާރައިގެ ފަރަގު އެއްހަމަ ކުރުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދިރާސާކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"އިޖްތިމާޢީ ޢަދާލަތު ހިފެހެއްޓުމަށްޓަކައިވެސް، ހުރިހާ ދާއިރާއަކަށް މިބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި، ދައުލަތުގެ ޒިންމާތަކާ ޙަވާލުވެ ތިބެ ކުރާ މަސައްކަތަށް، އެކަށީގެންވާ ވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ، ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް. އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ޤާނޫނީ ގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި، ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލަކީ، ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައި. ސުލްޙަވެރި ހަމަޖެހޭ އަމާން ދިރިއުޅުމަކުން ހޯދޭ އިޤްތިޞާދީ ފޯރުންތެރިކަމުގެ ލާބަ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުންކަމަށެވެ. މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއްކަމަށާއި، މިގެނައި ބަދަލާއެކު، ހަމައެކަނި މުސާރައާއި ޢިނާޔަތްތަކުންވެސް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުންކަމަށާއި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިފަދަ ބަދަލުތައް އަޅުގަނޑުމެން މިގެންނަނީ ހަމައެކަނި ވަކި ދާއިރާތަކެއް ކުރިއެރުވުމަކަށް ނޫން. މިއީ މުޅި ރާއްޖޭގެ ތަރައްޤީއަށް، އަދި ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން، ޤައުމު ކުރިއެރުވުމުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ މަސައްކަތެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިވާ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ. މިއީ ދިވެހިން އެދޭ ގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތުކުރުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބުގައި ޓީޗަރުކަމުގެ ފަންނާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާއިން ޓީޗަރުންނަށް ކުރިމަތިވެފައިވާ ހަމައެކަނި މައްސަލައަކީ މުސާރަ ކުޑަވުމެއް ނޫންކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ވާރކްލޯޑާއި މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވުމާއި، ޙައްޤުތައް ކަށަވަރުނުވުމުގެ މައްސަލައާއި، ވަސީލަތްތައް މަދުވުމުގެ މައްސަލައަކީވެސް ޓީޗަރުންނަށް އޮތް ދައްޗެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަން ހައްލުކުރުމުގެ މަސައްކަތްވެސް ފަށްޓަވާފައިވާކަމަށް ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.