ކުޅިވަރު

ރެއާލުން 35 ވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްފި


ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން 35 ވަނަ އަހަރަށް ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ލީގުގެ ތަށި ރެއާލުން ކާމިޔާބުކުރީ އެސްޕަންޔޯލް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗާ ކުރިމަތިލިއިރު ލީގު ކާމިޔާބު ކުރުަމަށް ރެއާލަށް ބޭނުންވެފައިވަނީ އެންމެ ޕޮއިންޓެކެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޖަހާދިނީ ރޮޑްރިގޯއެވެ. އަދި އެޓީމްގެ ލީޑު މެޗްގެ 43 ވަނަ މިނެޓްގައި ފުޅާކޮށްދިނީވެސް ރޮޑްރިގޯއެވެ.

މިމެޗްގައި ރެއާލްގެ ތިންވަނަ ލަނޑު މެޗްގެ 55 ވަނަ މިނެޓްގައި ޖަހާދިނީ މާކޯ އަސެންސިއޯއެވެ. އަދި ފަހު ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިމެޗްގައި ކުޅެން އެރި ކަރީމް ބެންޒީމާއެވެ. މިމެޗްގައި ރެއާލްއިން ވަނީ ޗެމްޕިއަންސް ލިގުގެ ސެމީފައިނަލްގެ ދެވަނަ ލެގްގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅެންޖެހޭ މެޗް އޮތުމާއެކު ފުރަތަމަ އެގާރައިގެ މުހިންމު ކުޅުންތެރިންތަކަކަށް ރެސްޓް ދީފައެވެ.

މިކާމިޔާބީއާއެކު ލީގުގައި މިހާރު ބާކީ ހަތަރު މެޗްއޮތް އިރު ރެއާލް އާއި ދެވަނައިގާ އުޅޭ ސެވިއްޔާ އާއި ދެމެދު 17 ޕޮއިންޓްގެ ފަރަގެއް އެބަހުއްޓެވެ. އެހެން ކަމުން ސެވިއްޔާއަށް ދެން ރެއާލް އާއި އަރާހަމަކުރުމުގެ ފުރުސަތެއް ނެތެވެ. ރެއާލްއަށް މިހާރުވަނީ 34 މެޗުން 81 ޕޮއިންޓް ލިބިފައެވެ. ދެވަނައިގާ އުޅޭ ސެވިއްޔާއަށް ލިބިފައިވަނީ 64 ޕޮއިންޓެވެ. އަދި ތިންވަނައިގާ މިވަގުތު އޮތް ބާސެލޯނާ އަށް 33 މެޗުން 63 ޕޮއިންޓް ލިބި އެޓީމް ނުކުޅެ އޮތް މެޗް ކާމިޔާބު ކުރި ނަމަވެސް ރެއާލް އާއި ދެމެދު 15 ޕޮއިންޓްގެ ތަފާތު ހުންނާނެއެވެ.

ރެއާލްގެ މިކާމިޔާބިއާއެކު އެޓީމްގެ ކޯޗް ކާލޯ އެންޗެލޯޓީ މިވަނީ ޔޫރަޕްގެ އާ ރިކޯޑެއް ގާއިމްކޮށް ތާރީޚުގެ ތެރެއިން އަނެއްކާވެސް ޖާގަހޯދާފައެވެ. އެގޮތުން ސްޕެނިޝް ލީގުގެ ތައްޓާއެކު އެންޗެލޯޓީ ވެފައިވަނީ ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގެ ތަށި ކާމިޔާބުކުރީ ފުރަތަމަ ކޯޗަށް ވެގެން ގޮސްފައެވެ.

އެންޗެލޯޓީ މީގެކުރިންވެސް ރެއާލްގެ ކޯޗްކަންކޮށް ފަސް ތައްޓެއް ކާމިޔާބުކޮށްދީފައިވީ ނަމަވެސް، ސްޕެނިޝް ލީގަކީ އޭނާއަށް މިހާތަނަށް ކާމިޔާބު ނުކުރެވި އޮތް ލީގެކެވެ. އެންޗެލޯޓީވަނީ އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ 2004 ވަނަ އަހަރު އޭސީ މިލާނާއެކު އިޓާލިއަން ލީގުގެ ތަށްޓެވެ. ދެވަނައަށް 2010 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލިގުގެ ތަށި ޗެލްސީ އާއެކު ކާމިޔާބުކުރިއިރު، 2013 ވަނަ އަހަރުވަނީ ޕީއެސްޖީ އާއެކު ފްރެންޗް ލީގުގެ ތަށި އުފުލާލާފައެވެ. އަދި ހަތަރު ވަނައަށް ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރު ބަޔާން މިޔުނިކާއެކު ޖަރުމަން ލީގުގެ ތަށްޓެވެ.