ވިޔަފާރި

އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާގެ ޕްރޮމޯޝަން ހިންގާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


އެސްޓީއޯ ސްޕަރމާޓުގެ ނަމުގައި އޮޅުވާލައިގެން ފައިސާގެ ޕްރޮމޯޝަންތައް ހިންގާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އޮޅުވާލައިގެން މީސް މީޑިއާގައި ފައިސާގެ އިނާމު ލިބޭނެކަމަށް ބުނެ ޕްރޮމޯޝަނެއް ހިންގަމުންދާކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބިފައިވާކަމަށެވެ.

އެސްޓީއޯއިން ބުނީ ކަސްޓަމަރުންނަށް އިނާމު ލިބޭފަދަ އޮންލައިން ޕްރޮމޯޝަނެއް އެސްޓީއޯއިން ކުރިއަށްގެންދާނީ އެ ކުންފުނީގެ އޮފިޝަލް ޕޭޖުތަކުންކަމަށެވެ. އަދި ޕްރޮމޯޝަނެއްގައި ބައިވެރިވެ އިނާމެއް ހަވާލުކުރުމަށް އެސްޓީއޯއިން ކަސްޓަމަރުންނަށް އަބަދުވެސް ގުޅަމުންދާނީ އެސްޓީއޯގެ ކޯލް ސެންޓަރ 1422އިން ކަމަށެވެ.

އެހެންކަމުން މިފަދަ ޕޯސްޓްތަކުގައި ބައިވެރިނުވުމަށާއި ޝެއަރ ނުކުރުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ. އެކި ކުންފުނިތަކުގެ ނަންނަމުގައި އަބަދުވެސް ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތައް ހިންގައެވެ.