ކޯޓެއް ގާއިމްކުރެވިފައިވާ ތަން ފިޔަވާ އެހެން ތަނެއްގައި ޝަރީއަތް ހިންގުމަށްޓަކައި ކޯޓް ރޫމެއް ސުޕްރީމް ކޯޓުގެ ހުއްދަނެތި ޤާއިމުކޮށްގެން ނުވާނެކަމަށް ސުޕްރީމް ކޯޓުން އަންގަވައިފިއެވެ.އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ސޮއިކުރައްވާ މިއަދު ނެރުއްވާފައިވާ ސަރކިއުލާގައި ވަނީ ޝަރުޢީ ދާއިރާގެ ބޭނުންތަކަށް ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި، އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅާ އިމާރާތްކުރުމާއި، މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސަންޖެހޭ އިންތިޒާމް ތަކެއްކަމަށެވެ. އެހެންކަމުން ޝަރީއަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޝަނެއް ނުވަތަ ފެސިލިޓީއެއް ޤާއިމުކުރަންޖެހޭނީ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެކޯޓުން ކަނޑައަޅުއްވާ ތަނެއްގައިކަމަށް އެސަރކިއުލަރގައިވެއެވެ. މި އުސޫލާ ޚިލާފަށް އެއްވެސް ފަރާތަކުން ޢަމަލުކޮށްގެން ނުވާނެކަމަށް މި ސަރކިއުލަރގައިވެއެވެ.ސުޕްރީމް ކޯޓުގެ މި ނިންމުން އައިސްފައިމިވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހިންގުމަށް ދޫނިދޫގައި ކޯޓްރޫމެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާކަން ފުލުހުންނާއި ކުރިމިނަލްކޯޓުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ހައްޔަރުކޮށްފައިވާ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި ޚިޔާނާތުގެ ކުށުގައި ހައްޔަރުކޮށްފައިވާ އެމް.އެމް.ޕީ.އާރސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ބަންދުގެ މުއްދަތުގެ މަޖިލިސްތައްވެސް ކުރިމިނަލްކޯޓުން ކުރިޔަށް ގެންގޮސްފައިވަނީ ދޫނިދޫގައި ކޯޓް ރޫމެއް ގާއިމްކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.މީގެއިތުރުން އަހްމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ރަސްމީ ޙައްސިއްޔަތު ނަހަމު ގޮތުގައި ބޭނުންކުރިކަމުގެ ކުށުގެ ދަޢުވާގެ އަޑުއެހުންތައްވެސް ފަށާފައިވަނީ ކުރިމިނަލްކޯޓާއި ދޫނިދޫއާއި ދެމެދު ވީޑިއޯ ލިންކް މެދުވެރިކޮށެވެ.