ޚަބަރު

މާދަމާއަކީ ފަހު ރޯދަ، ޢީދުވާނީ ހޯމައަށް


މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި ފެށޭ މެއިމަހުގެ 2 ވަނަ ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

1443 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިގޮތަށް ކަނޑައަޅާފައިވަނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހު އިރުއޮއްސޭއިރު، ރާއްޖޭގެ އެއްވެސް ރަށަކާއި، އިސްލާމީ އެއްވެސް ޤައުމަކަށް 1443 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ފެންމަތިނުވާނެކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީއެވެ. އަދި މިއަދުގެ އިރުއޮއްސުމަށްފަހުގައި ރާއްޖޭގެ އެއްވެސް ރަށަކަށް އަދި ދުނިޔޭގެ އެއްވެސް އިސްލާމީ ޤައުމަކަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުވެފައިވާކަމުގެ ރަސްމީ މަޢުލޫމާތެއް ލިބިފައިނުވާތީކަމަށްވެސް އިސްލާމިކް މިނިސްޓްރީން ނެރުނު ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމާބެހޭ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރަން ރާއްޖޭގައި ހަމަޖެހިފައިވާ އުޞޫލުގައިވާގޮތުގެ މަތިން މެއިމަހުގެ 1 ވާ އާދިއްތަ ދުވަހަކީ 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ 30 ވަނަ ދުވަސްކަމަށާއި، މޭމަހުގެ 2 ވާ ހޯމަ ދުވަހަކީ 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އިރުއޮއްސުމުގެ މާކުރިން ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުތަކުން ވަނީ ދައްކައެވެ. އެހެންކަމުންއިރު އޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހަނދު ފެންމަތީގައި ހުންނާނެކަމަކަށް ނުދައްކައެވެ.

މިއަންނަ ހޯމަ ދުވަހަކީ މިއަހަރުގެ ފިޠުރު އީދު ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު، މާލޭ ސަރަޙައްދުގައި ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭ މާފަންނު ސްޓޭޑިއަމާއި، ވިލިމާލޭ ފުޓުބޯޅަ ދަނޑުގެ އިތުރުން ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނެއެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒާއި، ކިންގް ސަލްމާނު މިސްކިތުގައިވެސް ޢީދުނަމާދު ބޮޑު ޖަމާޢަތުގައި ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.