ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް ޝަންހާއީއަށް ބޮޑު ކާމިޔާބެއް، ބެއިޖިންގުގެ ޙާލަތު އަދިވެސް ގޯސް


ކޯވިޑް-19އާ ދެކޮޅަށް ޗައިނާގެ ވިޔަފާރީގެ މައި ރަށްކަމަށްވާ ޝަންހާއީން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

ފާއިތުވި ދުވަސްތަކުގައި ޝަންހާއީގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެންފެށުމުން އެ ރަށް ފުރަބަންދުކޮށް އެ ރަށުގައި ދިރިއުޅޭ އެންމެން ބައްޔަށް ތަޙުލީލުކޮށްފައިވެއެވެ. ޗައިނާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަންހާއީގައި އެއްވެސް މީހަކަށް ބަލިޖެހިފައެއް ނުވެއެވެ. އޭގެ ކުރީ ދުވަހު އެ ރަށުގައި 108 މީހުންނަށް ބަލިޖެހިފައިވެއެވެ. އޭގެ އިތުރުން ބަލިޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދުވަނީ 52ން 47އަށް ދަށްވެފައެވެ. އެއީ ބަލި ފެތުރުން ހުއްޓުވުމަށް ޝަންހާއީގައި އަޅަމުންދާ ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކާމިޔާވަމުންދާކަން ދައްކުވައިދިން ކަމެއްގެ ގޮތުގައި އެ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ. ބަލި ފެތުރުން ހުއްޓުވުމަށް ޝަންހާއީގައި ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަން ފެށުމުން ޢާއްމުންވަނީ ދެކޮޅުވެރިކަން ދައްކައިފައެވެ. އެއީ ޗައިނާއިން ޢާއްމުކޮށް ފެންނަ މަންޒަރެއް ނޫނެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޗައިނާގެ ވެރިރަށް ބެއިޖިންގުގެ ޙާލަތުވެސްވަނީ ގޯސްވެފައެވެ. އެ ގޮތުން އޭޕުރިލް މަހުގެ 22ވަނަ ދުވަހުން ފެށިގެން ބެއިޖިންގުގައި 295 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއާއެކު އެ ރަށުގައިވެސްވަނީ ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ގޮތުން ބެއިޖިންގުގައި ދިރިއުޅޭ މީހުން ޢާއްމު ޚިދުމަތްތަކާއި ޢާއްމު ތަންތަނަށް ދިޔުމުގެ ކުރިން ބައްޔަށް ތަޙުލީލުކުރަން ޖެހެއެވެ. އަދި ޕާކުތަކާއި މުނިފޫހިފިލުވާދޭ މަރުކަޒުތަކަށް ވަކި ޢަދަދެއްގެ ބަޔަކަށް ވަދެވޭ ގޮތަށް ނިންމުމާއި އެ ރަށުގެ ވިޔަފާާރީ ސަރަޙައްދުތަކުގައި ދިރިއުޅޭ އެންމެން ބައްޔަށް ތަޙުލީލުކުރުން ހިމެނެއެވެ. އެއާއެކު ބެއިޖިންގުވެސް ފުރަބަންދުކޮށްފާނެކަމުގެ ކަންބޮޑުވުންވަނީ އުފެދިފައެވެ.

ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން ޢަމަލުކުރުމަށް އެ ޤައުމުގެ ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި އުޞޫލުތަކެކެވެ. އެ ގޮތުން އެ ޤައުމުގެ އެއްވެސް ސަރަޙައްދަކުން ބަލިޖެހިފައިވާ މީހެއް ފެނިއްޖެނަމަ އެ ސަރަޙައްދު ފުރަބަންދުކޮށް އެންމެން ބައްޔަށް ތަޙުލީލުކުރުން ހިމެނެއެވެ. އެ ގޮތުން މިހާރުވެސް ޗައިނާގެ 46 ރަށެއް އޮތީ ފުރަބަންދުކޮށްފައެވެ. އޭގެ އަސަރު 343 މިލިޔަން މީހުންނަށް ކުރާނެއެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރެން ފެށުނު ޗައިނާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 10,793 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ އޭގެ ކުރީ ދުވަހު ބަލިޖެހުނު 15,688 މީހުންނަށްވުރެ ތިންބައިކުޅަ އެއްބައި ދަށް ޢަދަދެކެވެ.