ކުޅިވަރު

ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް އިންޑިއާއިން ފެންވަރު ރަނގަޅު ސާމާނު ހަދިޔާކޮށްފި


ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް އިންޑިއާ ސަރުކާރުން ފެންވަރު ރަނގަޅު ކްރިކެޓް ކުޅޭ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެކަމަށްޓަކައި އެކުވެނި ދަނޑުގައި ބޭއްވުނު ހަފްލާގައި އިންޑިއާ ސަރުކާރުން ކްރިކެޓް ކުޅޭ ސާމާނު ހަވާލުކޮށްފައިވަނީ އިންޑިއާގެ ހައިކޮމިޝަނުންނެވެ. އަދި ކްރިކެޓް ކުޅޭ ސާމާނާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އިންޑިއާ ސަރުކާރުން ހަދިޔާކުރި ކްރިކެޓް ކުޅޭ ސާމާނުގެ ތެރޭގައި ހިމެނެނީ ކްރިކެޓް ބެޓާއި، ބޯޅަ އާއި، ބެޑިންފޭޑްގެ އިތުރުން ހެލްމެޓާއި ކުޅުމަށް ބޭނުންކުރާ ހުރިހާ ސާމާނު ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީ އަބަދުވެސް ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ނާއިބު ރައީސް ފައިސަލް ނަސީމް، އިންޑިޔާގެ ހައިކޮމިޝަނަރ މުންނު މަހާވާރު އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްގެ އިތުރުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އިންޑިޔާގެ ކުޅިވަރާ ބެހޭ ވަޒީރު އަނޫރާގު ތަކުރުވަނީ ލައިވްކޮށް މުހާތަބުކޮށް ވާހަކަ ދައްކާފައެވެ.

ކްރިކެޓް ސާމާނު ހަދިޔާކުރުމަށްފަހު އިންޑިޔާ އާއި ރާއްޖެ ދެމެދު ވަނީ އެކުވެރިކަމުގެ 8 އޯވަރުގެ ކްރިކެޓް މެޗެއް ކުޅެފައެވެ. މި މެޗު ކާމިޔާބުކޮށްފައިވަނީ އިންޑިއާގެ ޓީމުންނެވެ.

ގުރު ދިމާވުމުން ރާއްޖޭން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 103 ލަނޑުއެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ލަނޑު ހެދި ނައިބު ރައީސް ފައިސަލް ނަސީމް އާއި 33 ލަނޑު ހެދި އަޒިޔާން އާއި 20 ލަނޑު ހެދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްގެ އިތުރުން 31 ލަނޑު ހެދި އާދަމް ނާސިފުއެވެ.

ޖަވާބުގައި އިންޑިޔާ ޓީމުން ކުޅެންއަރާ 8 ވަނަ އޯވަރުގެ 5 ވަނަ ބޯޅަ 6 ޔަކަށް ޖަހާ މެޗު ކާމިޔާބުކުރިއެވެ. އިންޑިއާ ޓީމުން މެޗު ކާމިޔާބުކުރީ 7.5 އޯވަރު 104 ލަނޑު ހަދައިގެންނެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި ކްރިސްނާ އާއި 30 ލަނޑު ހެދި ސިމިއޯންގެ އިތުރުން 15 ލަނޑު ހެދި ހައިކޮމިޝަނަރ މުންނު މަހާވާރު އެވެ.