ވިޔަފާރި

އައްޑޫގެ މަސްވެރިންގެ ކަންބޮޑުވުންތައް މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން އޮޅުން ފިލުވައިފި


ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން އައްޑޫގެ މަސްވެރިންނާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައިފިއެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސް ކިރުވުމުގައި ދަތިތަކެއް ކުރިމަތިވެ ދާދިފަހުން ގިނަ މަސްވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީގެ މެންބަރުން އައްޑޫއަށް ކުރެއްވި ދަތުރުގައި އައްޑޫގެ މަސްވެރިންނާއި ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި މަސްވެރިންގެ ފަރާތުން އައްޑޫގައި، މަސްވެރިކަން ކުރުމުގައި މިހާރު ހުރި ދަތިތައް ކޮމެޓީގެ މެންބެރުންނާއި ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭ ގޮތުން، ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، އައްޑޫގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭނުންވާ އަދަދަށް އައްޑޫއިން މަސް ނުކިރޭ މައްސަލަ ކަމަށެވެ. އެގޮތުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 50 ޓަނުގެ މަސް ކިރޭ ގޮތަށް ހުރި ކަމުގައި ވިޔަސް، އެ އަދަދަށް ނުނެގޭ ކަން މަސްވެރިންނާއި ހަވާލާދީ ނިޒާރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައްޑޫގެ ފަޅުތެރޭ މީގެ ކުރިން އޮންނަ މިފްކޯ މަސްކިރާ ބޯޓު، މި ދުވަސްވަރު ނެތުމުގެ މައްސަލަވެސް މަސްވެރިން ފާހަގަ ކޮށްފައިވާކަން ނިޒާރު ފާހަގަ ކުރެއްވިއެވެ. މިއާއެކު ކުރިން 150 ޓަނުގެ މަސް ކިރޭއިރު، މިހާރު ކިރެނީ އެންމެ 30 ވަރަކަށް ޓަންކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އައްޑޫ ކަނޑުން މަސް ބާނައިގެން ކޫއްޑޫއަށް މަސްކިރުވަން ދަތުރުކުރަން ޖެހުމާއެކު، ގދ އަތޮޅުގައި މިހާރު ތަރައްޤީ ކުރަމުންދާ ސްޓޯރޭޖް ފެސިލިޓީތައް އަވަހަށް ނިންމިއްޖެނަމަ މިކަމަށް ލުޔެއް ލިބޭނެކަން މަސްވެރިން ފާހަގަކޮށްފައިވެއެވެ.

އައްޑޫގެ މަސްވެރިންގެ އިތުރުން އިޤްތިޞާދީ ކޮމެޓީން ވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިންނާއިވެސް ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އެތަނުގައި މިހާރު ހުރި ދަތިތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރެވިފައިވެއެވެ. އަދި މިހާރު އެމްޓީސީސީން ކުރިއަށް ގެންދާ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ލަސްވަމުންދާ ކަމުގެ ކަންބޮޑުން އޮތް ކަން މޭޔަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އައްޑޫއަށް މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން ކުރެއްވި ދަތުރުގައި ކޮމެޓީގެ މުޤައްރިރު އަލިފުށި ދާއިރާގެ މެންބަރު ހުސެއިން ރަޝީދުގެ އިތުރުން ކޮމެޓީގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުންތަކުގައި ކޮމެޓީގެ މެންބަރުންނާއެކު އައްޑޫސިޓީ ކައުންސިލުންވެސް ބައިވެރިވެފައިވެއެވެ.