ކުޅިވަރު

ފުޓްބޯލް ރައިޓާސް އެވޯޑް ސަލާހާއި ކާއަށް


ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް ލިވަޕޫލުގެ މުހައްމަދު ސަލާހާއި ޗެލްސީ ވިމެންގެ ސޭމް ކާ ހޮވިއްޖެއެވެ.

ފިރިހެނުންގެ ބައިގެ އެއްވަނަ މަގާމަށް ހޮވުނު މިސްރުގެ ސަލާހް ވަނީ މި ސީޒަނުގައި މިހާތަނަށް 30 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކާމިޔާބުކޮށްފައިވާ 22 ލަނޑު ހިމެނެއެވެ.

ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ސަލާހު ހޯދިއިރު، އޭނާ ވަނީ މި މަގާމު 2018 ވަނަ އަހަރުވެސް ހޯދާފައެވެ.

މީގެ އިތުރުން އަންހެނުންގެ ބައިން އޮސްޓްރޭލިއާގެ ކާ ވަނީ ވިމެންސް ސުޕަ ލީގުގައި ޗެލްސީއަށް 18 ލަނޑު ޖަހައިދީ، ތާވަލުގެ އެއްވަނައަށް ޗެލްސީ ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ރައިޓާސް އެސޯސިއޭޝަނުގެ ޗެއާ ކެރީ ބްރައުން ބުނީ މި ސީޒަނުގައި ސަލާހާއި ކާ ވަރަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށާއި، އެގޮތުން އެ ދެ ކުޅުންތެރިންވެސް ކުލަބާއި ގައުމަށް އިތުރު ރިކޯޑުތައް ގާއިމުކުރަމުން އަންނަ ކަމަށެވެ. އަދި ދަނޑުމަތީގެ އިތުރުން ދަނޑުން ބޭރުގައިވެސް އެ ދެކުޅުންތެރިންނަކީ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިން ކަމަށްވެސް ބްރައުން ވަނީ ބުނެފައެވެ.