ޚަބަރު

ނުރައްކަލުން ސަލާމަތްވުމަށް މިޕްލޭން އޮންނަންޖެހޭ


ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަ އޮތީ ކަންބޮޑުވާ ދަރަޖައިގައެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ތަފާސްހިސާބުތަކުން ފިއްކަނޑައިގެންދާވަރުވެއެވެ.

ރާއްޖޭގައި މިފަދަ އަނިޔާގެ ސަބަބުން ކުޑަކުދިންނާއި އަންހެނުންގެ ފުރާނަ ގެއްލި ބައެއް މީހުންނަށް ދާއިމީ ބޮޑެތި އަނިޔާ ލިބިފައިވެއެވެ. މިފަދަ ކަމަކާއި ކުރިމަތިލާންޖެހޭ ފަރާތްތަކަށް ޢާއްމު ދިރިއުޅުމެއް އުޅުމަށް އެތައް ގޮންޖެހުމެއް ކުރިމަތިލާންޖެހެއެވެ.

އިޖުތިމާޢީ ބޮޑެތި މައްސަލަތަކަކަށް މީގެ ސަބަބުން ދޮރުހުޅުވި އެތައް ބައެއްގެ ޙައްގުތައް ވަނީ ގެއްލިފައެވެ. އެހެންކަމުން މި ނުރައްކާތެރި ޢަމަލުން މުޖުތަމަޢު ސަލާމަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސަލާމަތީ ބާރުތަކުން ކުރާ މިމަސައްކަތުގައި އަމިއްލައަށްވެސް އަމިއްލަ ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. މިނުރައްކާތެރި ކަމާ ކޮންމެ މީހަކުވެސް ކުރިމަތިލާންޖެހިދާނެކަމަށްޓަކައި އެކަމަށް ސަމާލުވާންޖެހެއެވެ.

ރާއްޖޭގެ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ވިދާޅުވާ ގޮތުގައި މިފަދަ ނުރައްކަލުން އަރައިގަތުމަށް ސޭފްޓީ ޕްލޭނެއް ކަމެއް ދިމާވުމުގެ ކުރިންވެސް ރާވާފައި އޮތުމަކީ އަނިޔާއިން ރައްކާތެރިވުމަށް ކުރެވޭނެ މުހިއްމު ކަމެކެވެ. އެގޮތުން ކަމެއް ދިމާވުމުގެ ކުރިން މިފަދަ ޕްލޭނެއް އޮތުން މުހިއްމުވަނީ އެނުރައްކަލާ ކުރިމަތިލުމަށްފަހު މީހާ ޝޮކަކަށް ދާގަޑީގައި ޢަމަލުކުރަންވީ ރަނގަޅު ގޮތް ނުވިސްނިދާނެތީއެވެ. އެގޮތުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފްޕީއޭއިން ވިދާޅުވާ ގޮތުގައި އެހީއަށް އެދި ކަމާބެހޭ އިދާރާތަކާއި ގުޅޭނެ މުހިއްމު ނަމްބަރުތައް އެނގިފައި ހުރުމަކީ މުހިއްމުކަމެކެވެ. އެހެންކަމުން މިފަދަ މަޢުލޫމާތުތައް ފަސޭހައިން ފެންނަ ހިސާބެއްގައި ބެހެއްޓިދާނެއެވެ. އެގޮތުން އަނިޔާގެ މާޙައުލުގައި އުޅޭ ފަރާތްތަކުން އިމަރޖެންސީގައި އެންމެ ފުރަތަމަ އެހީއަށް އެދި ފުލުހުންނަށް ގުޅޭނެ ނަމްބަރުތައް ހޯދުމަށްފަހު ފޯނުގައި އެހެން ނަމެއްގައި ސޭވް ކުރެވިދާނެއެވެ.

މުޖުތަމަޢުގައި އަނިޔާގެ ޝިކާރައަށްވާ މީހުން އިންތިހާއަށް އިތުރުވަމުން އަންނައިރު ތިމާއަށް އެފަދަ ކަމެއް ކުރިމަތިވުމުގެކުރިން ދާނެތަނެއް ދުރާލާ ނިންމާފައި އޮތުމަކީވެސް މުހިއްމުކަމެއްކަމަށް އެފްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ކަންކަން ހިއްސާކުރެވޭފަދަ ޢާއިލާ މީހެއް ނުވަތަ އެކުވެރިއަކުނަމަވެސް ވިސްނާފައި އެކަން އެމީހަކާއި ނުވަތަ ބަޔަކާއި ހިއްސާކޮށްފައި ބޭއްވިދާނެއެވެ. ހަމައެއާއެކު ރައްކާތެރިކަމާއެކު އެމީހުންގެ ގާތަށް ދިޔުމަށް ހަމަޖައްސަން ޖެހޭކަންކަންވެސް ހަމަޖައްސާފައި ބާއްވާށެވެ. އެގޮތުން ޓެކްސީ، ބަސް ނުވަތަ ފެރީއަށް ދައްކަންޖެހޭ ފައިސާ ރައްކާކޮށްފައި ބަހައްޓާށެވެ.

ކުޑަކުދިންނަށް ދިމާވާ ނުރައްކަލުން އެކުދިން ސަލާމަތްކުރުމަށް ކުދިންނަށްވެސް މިފަދަ ކަންކަން އެކުދިންގެ ވިސްނޭނެ ފަދަ ގޮތަކަށް ބުނެދޭންޖެހެއެވެ. އެހެންނަމަވެސް އެކަން ކުރުމުގައި ކުދިންގެ އުމުރަށާއި އެފަދަ ކަމެއްގެ ސަބަބުން ކުދިންގެ ރައްކާތެރިކަމާމެދު ވިސްނަންޖެހެއެވެ. އެގޮތުން ކުދިންނަށް ކަމެއް މެދުވެރިވެއްޖެނަމަ ބޭނުންކުރާނެ "ކޯޑް" ބަހެއް ނުވަތަ ކުރާނެ ޢިޝާރާތެއް ދުރާލާ ނިންމާ އެކޯޑު ބަސް ނުވަތަ ޢިޝާރާތް ކުރުމުން ޢަމަލުކުރާނެ ގޮތް ކުރިއާލާ ދަރިފުޅާއެކު ވާހަކަދައްކާ ރާވާފައި ބާއްވާށެވެ.

އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ އަމިއްލަ ޒަރޫރީ ތަކެތި އެމާޙައުލާ ދުރަށް ދިޔުމުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރެއެވެ. އޭގެތެރޭގައި ބޭންކް ކާޑުތަކާއި އައިޑީކާޑު އަދި ޕާސްޕޯޓުފަދަ ތަކެތި ހިމެނެއެވެ. އެހެންކަމުން މިޕްލޭންގައި މިތަކެތި ރައްކާތެރިކަމާއެކު އަތުޖެހޭނެ ފަދަ ގޮތެއް ވިސްނާފައި ބާއްވާށެވެ. އަދި ބޭންކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްވޯޑުތަކާއި ޕާސްވޯޑް ރީސެޓްކުރާ އީމެއިލް އެހެން އީމެއިލް އެޑްރެހަކަށް ބަދަލުކޮށް "ޓެކްނޮލޮޖީ ސޭފްޓީ ޕްލޭން" އެއްވެސް ހަދާށެވެ.

ރައްކާތެރިކަމަށްޓަކާ ހަދާ މިޕްލޭންގެ މަޢުލޫމާތު އިތުބާރުކުރެވޭ މީހަކާއި ހިއްސާކުރާށެވެ. އެއީ މިއަދުގެ މުޖުތަމަޢުގައި އަބަދުވެސް ތިބެންޖެހެނީ މިފަދަ ކަމަކާ ކުރިމަތިވެދާނެކަމަށްޓަކާ ދުރާލާ ވިސްނައިގެންނެވެ.