އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްގެ ދެވަނަ ބުރު ނުވަތަ ކޮންފަރެންސްގެ ސެމީ ފައިނަލުން ފީނިކްސް ސަންސް، ޑެލަސް މެވްރިކްސް އަދި ފިލަޑޭލްފިއާ ސެވަންޓީ ސިކްސާސް ޖާގަ ހޯދައިފިއެވެ.
ސަންސް ޕްލޭ އޮފްގެ ދެވަނަ ބުރުން ޖާގަހޯދީ ނިއުއޯލިއަންސް ޕެލިކަންސް އާއި ފުރަތަމަ ބުރުގައި ބައްދަލުކޮށް ހަތަރު މެޗް ދެމެޗުން ކާމިޔާބުކޮށްގެންނެވެ. ވެސްޓަރން ކޮންފަރެންސްގެ އެއްވަނަ ޓީމް ކަމަށްވާ ސަންސް އާއި އަށްވަނަ ޓީމް ކަމަށްވާ ޕެލިކަންސްގެ މެދުގައި ކުޅުނު ހަވަނަވަނަ މެޗް ސަންސް ކާމިޔާބު ކުރީ 115 ޕޮއިންޓް 109 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސަންސްގެ ކްރިސް ޕޯލްވަނީ 33 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ޕެލިކަންސްގެ ބްރެންޑަން އިންގްރާމްވަނީ 21 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށްފައެވެ. ޕްލޭ އޮފްގެ ކޮންފަރެންސް ސެމީފައިނަލްގައި ސަންސް ބައްދަލުކުރާނީ މެވްރިކްސްއާއެވެ.
މިމުބާރާތުގެ ދެވަނަ ބުރުން ވެސްޓަރން ކޮންފަރެންސްގެ ހަތަރު ވަނަ ތީމް މެވްރިކްސް ޖާގަހޯދީ ފުރަތަމަ ބުރުގައި އެކޮންފަރެންސްގެ ފަސްވަނަ ޓީމްކަމަށްވާ ޔޫޓާ ޖޭޒް އާއި ބައްދަލުކުރި ސީރީޒް ހަތަރު މެޗް ދެމެދުން ކާމިޔާބުކޮށްގެންނެވެ. މިދެތީމްގެ މެދުގައި ރޭ ކުޅުނު ހަވަނަ މެޗް ރަށުން ބޭރުގައި 98 ޕޮއިންޓް 96 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ 24 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. އަދި ޖޭޒްގެ ޑޮނޮވަން މިޝޭލްވަނީ 23 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ.
އީސްޓަރން ކޮންފަރެންސްގެ ހަތަރު ވަނަ ޓީމް ކަމަށްވާ ސިކްސަރސް ޕްލޭ އޮފްގެ ދެވަނަ ބުރުން ޖާގަހޯދީ ފަސްވަނަ ޓީމް ކަމަށްވާ ޓޮރޮންޓޯ ރެޕްޓަރސް އާއި ފުރަތަމަ ބުރުގައި ވާދަކޮށް ހަތަރު މެޗް ދެމެދުން ސީރީޒް ކާމިޔާބުކޮށްގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ހަވަނަ މެޗް ރަށުން ބޭރުގައި 132 ޕޮއިންޓް 97 ޕޮއިންޓުގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ 33 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 1 އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓަރސްގެ ޕަސްކާލް ސިއަކަމްވަނީ 24 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. ކޮންފަރެންސް ސެމިފައިނަލްގައި ސިކްސަރސް ބައްދަލުކުރާނީ އެކޮންފަރެންސްގެ އެއްވަނަ ޓީމް ކަމަށްވާ މައޭމީ ހީޓް އާއެވެ.