އިނގިރޭސި ޕްރިމިއާ ލީގުގައި މިވަގުތު އެންމެ ފޯމުގައި އޮތް ޓީމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލިވަޕޫލުގެ ކޯޗުކަމުގެ މަގާމުގައި 2026 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް މަޑުކުރަން ނިންމައި، ޔާގެން ކްލޮޕް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ލިވަޕޫލާއި އެކު ކްލޮޕް ހަދާފައިވާ ފުރަތަމަ އެއްބަސްވުން މީގެ ކުރިން ހަމަވާން އޮތީ 2024 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު އައު އެއްބަސްވުމާއެކު ކްލަޮޕް ލިވަޕޫލްގައި އިތުރު ދެ އަހަރު މަޑު ކުރާނެއެވެ.
2015 ވަނަ އަހަރު ލިވަޕޫލާއި ގުޅުނު ކްލޮޕްވަރަށް ފަހުން ވަނީ އޭނާ ލިވަޕޫލާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކުޑަދުވަސްކޮޅަކަށް ފުޓްބޯޅަ އާއި ދުރައް ޖެހިލަށް ވިސްނަމުންދާކަމަށް ހާމަކޮށްފައެވެ. ނަމަވެސް ލިވަޕޫލުން މިވަނީ މިސީޒަންގައި ތާރީހީ ހަތަރު ތަށްޓަށް ވާދަކުރަމުންދާ ލިވަޕޫލްގެ ކޯޗާއި އޭނާގެ ސްޓާފުން އިތުރު މުއްދަތަކަށް މަޑު ކުރަން އެއްބަސްކުރުވާފައެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ކްލޮޕްވަނީ އޭނާ ވަރަށް އުފާވެ، ހިތްހަމަޖެހި، ކުރިއަށް ދާން އިތުރު ފޯރިއެއް ލިބި އަދި މިއީ އޭނާއަށް ލިބުނު ރަހްމަތެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ އިތުރަށް ހާމަކުރިގޮތުގައި ކްލަބްގެ ވެރިން އެއްބަސްވުން އާކުރުމުގެ ވާހަކަ ދެއްކުމުން، އެކަމަށް މާގިނަ ވަގުތެއް ނުނަގާ ކަމަށާއި، އޭނާ ގަބޫލުކުރާ ގޮތުގައި އޭނާއަށް މިވަނީ ލިވަޕޫލް ދެކެ ލޯބި ވެވިފައި ކަމަށެވެ. އަދި އޭނާގެ ކިބައިގާ އެޖޯޝާއި ފޯރިވެސް އެބަހުރި ކަމަށް ވަނީ ބުނެފައެވެ.
ކްލޮޕް ހާމަކުރިގޮތުގައި އޭނާގެ މި ނިންމުމުގައި އޭނާގެ އަންހެނުން އުލާގެ ދައުރުވެސް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން މިކަން ފެށުމުގެ ކުރިން އެއްދުވަހަކު ގޭގާ ދެކެވުނު ވާހަކަ އެއްގައި އުޅާ ވަނީ 2024 ވަނަ އަހަރު ކްލޮޕް ލިވަޕޫލް ދޫކޮށް ދާ މަންޒަރު އޭނާއަށް ނުފެންނަކަމަށް ހާމަކޮށްފައެވެ. އަދި މިއީ މިކަމާއި މެދު އޭނާއަށް ވިސްނަންފެށުނު ހިސާބު ކަމަށްވެސް ކްލޮޕް ހާމަކުރިއެވެ.
ލިވަޕޫލާއި ގުޅުމަށްފަހު މިހާތަނަށް ކްލަޮޕް ވަނީ އެކްލަބަށް ފަސް ތަށި ކާމިޔާބުކޮށްދީފައެވެ. އަދި މިސީޒަންގައި މިހާތަނަށް އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައިވާއިރު ޕްރިމިއަރ ލީގުގެ ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އޮތުމުގެ އިތުރުން އެފް އޭ ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައިވުމާއި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމުގެ ފުރުސަތުވެސް ވަނީ ހުޅުވިފައެވެ. މީގެކުއިރިން އިނގިރޭސި އެއްވެސް ކްލަބަކަށް އެއް ސީޒަނެއްގައި މިހަތަރު ތަށު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި މިކަން ހާސިލް ކުރުމާއި އެހެން އެއްވެސް ކްލަބެއް ނުދެވޭހާ ގާތަށް ލިވަޕޫލް މިހާރު މިވަނީ ޖެހިލާފައެވެ. އެޓީމަށް މިސީޒަންގައި ދެން ބާކީ އޮތީ އަށް މެޗެވެ.
ކްލޮޕްގެ އިތުރުން އޭނާގެ އެސިސްޓަންޓް ޕެޕް ލިންޑަރސް އާއި ޕިޓަރ ކްރޮވިޓްޒްވެސް ވަނީ އެއްބަސްވުން އާކޮށްފައެވެ.