ވިޔަފާރި

ތިމަރަފުށީ އެއަރޕޯޓް ތަރައްޤީކޮށް ކެފޭއެއް ހިންގާނެ ބަޔަކު ހޯދަނީ


ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ތ.ތިމަރަފުށީ އެއަރޕޯޓް ތަރައްޤީކޮށް ކެފޭއެއް ހިންގާނެބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.

މޯލްޑިވިއަނުން ކޮށްފައިވާ އިއުލާނެއްގައިވަނީ އެ ކުންފުނިން ހިންގާ ތ.ތިމަރަފުށި އެއަރޕޯޓް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުންޏަށް އީމެއިލް މެދުވެރިކޮށް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެންގުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

ތިމަރަފުށީ އެއަރޕޯޓް ތަރައްޤީކުރާއިރު އެތަނުގައި ކެފޭއެއްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކެފޭއެއް ހިންގާނެ ބަޔަކު ހޯދުމަށްވެސް އައިލެންޑް އޭވިއޭޝަނުން ވަނީ ހުޅުވާލާފައެވެ.

ކެފޭ ހިންގަން ހުށައަޅާއިރު އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ވާންޖެހޭނެއެވެ. އަދި ކުންފުނި ހިންގާތާ 3 އަހަރު ވެފައިވާންޖެހޭނެއެވެ.

ތ.ތިމަރަފުށީ އެއަރޕޯރޓް ރަސްމީކޮށް ހުޅުވާފައިވަނީ 2013ވަނަ އަހަރެވެ. މި އެއަރޕޯރޓް ތަރައްޤީ ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލު ކޮށްގެންނެވެ. މިއީ ތ.އަތޮޅުގައި މިވަގުތު އޮޕަރޭޓް ކުރަމުން އަންނަ ހަމައެކަނި އެއަރޕޯރޓެވެ.