އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ހާފްގައި ޗެލްސީއިން އުފެއްދި ގިނަ ހަމަލާތަކެއްވަނީ ޔުނައިޓެޑްގެ ކީޕަރ ޑެވިޑް ޑި ގެއާ ދިފާއުކޮށްފައެވެ. މީގެތެރެއިންވެސް ކައި ހަވާޓްޒް އާއި އެންގޯލޯ ކާންޓެ ފޮނުވާލި ދެހަމަލާ ފާހަގަ ކޮށްލެވެއެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހާ ލިޑު ނެގީ ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މާކަސް އޮލޮންސޯއެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެމިނެޓްފަހުން ކްރިސްޓިއާނޯ ރޮނާލްޑޯވަނީ މެޗްގެ ނަތީޖާ ޔުނައިޓެޑަށް ހަމަހަމަކޮށްދީފައެވެ. މިއީ މިސީޒަންގައި ރޮނާލްޑޯ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.
މިމެޗް އެއްވަރު ވުމުން ޗެލްސީ އަދިވެސް އޮތީ ތާވަލްގެ ތިންވަނައިގައި ކުޅުނު 33 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކުއެވެ. އަދި މި ނަތީޖާއާއެކު ޗެލްސީ މިހާރު ވަނީ އަންނަ ސީޒަންގައި ޗެމްޕިއަން ލީގުގެ ޖާގައެއް ކަށަވަރު ކުރުމާއި ގާތަށް ޖެހިލާފައެވެ. އެގޮތުން ލީގުގައި މިހާރު ބާކީ ފަސް މެޗް އޮތް އިރު ފަސްވަނައިގައި އުޅޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެމެދުގައި އަށް ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ.
މީގެ އިތުރުން ޔުނައިޓެޑް އުޅެނީ 35 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ. އަދި ޗެމްޕިއަންސް ލިގުގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ އުންމިދު އަންނަނީ ފަނޑުވަމުންނެވެ. އެއީ ހަތަރު ވަނައިގާ މިހާރު އޮތް އާސެނަލް އާއި ޔުނައިޓެޑާއި ދެމެދު ފަސް ޕޮއިންޓްގެ ތަފާތެއް ހުރި އިރު، އާސެނަލް އަދި ނުކުޅެ އޮތް ދެމެޗް ކާމިޔާބުކޮށްފި ކަމަށްވާނަމަ މިފަރަގު 11 ޕޮއިންޓަށް އިތުރުވެގެން ދާނެތީއެވެ.