ވިޔަފާރި

އެމްއެމްޕީއާރުސީން މިފަހަރު ގެނައީ ނެދަލޭންޑްސްގެ ނޫސްވެރިން


މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ރާއްޖެ ނެދަލޭންޑްސްގެ ނޫސްވެރިން މެދުވެރިކޮށް ރާއްޖެ އިސްތިހާރުކޮށްފިއެވެ. މި ދަތުރުގައި ރާއްޖެއަށްއައި ޓީމަކީ ނެދަލޭންޑްސްގެ އާންމުންގެ މެދުގައި މަޤުބޫލު އޮންލައިން އަދި ޕްރިންޓް މަޖައްލާތަކާއި، ނޫސްތަކަށް ނިސްބަތްވާ ލިޔުންތެރިން ހިމެނޭ ޓީމެކެވެ.

ރާއްޖެ އިސްތިހާރުކުރަން ނެދަލޭންޑްސްއިން ގެނައި ޓީމުގެ ނޫސްތައް ކިޔާ މީހުންގެ އަދަދު މިލިއަނަށް އަރާކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. މި ފެމިލިއަރައިޒޭޝަން ދަތުރުގައި ރާއްޖެއައި ބައިވެރިން ރާއްޖޭގެ 3 ރިސޯޓެއްގައި ވަނީ މަޑުކޮށްފައެވެ. އަދި އެތަންތަނުން ތަފާތު ކެއުންތައް ވަނީ ތަޖުރިބާކޮށްފައެވެ. އެއީ "ވެލްނަސް" ތީމެއްގެ ދަށުން، ދިވެހިރާއްޖޭގައި އަދި މި ޓީމުން މަޑުކުރި 3 ރިސޯޓުން ލިބެންހުރި ތަޖުރިބާއާއި ކެއުމުގެ ބާވަތްތަކާއި ބެހޭ ލިޔުންތައް ލިޔުމަށެވެ. މި ލިޔުންތައް އަމާޒުކޮށްފައިވަނީ ނެދަލޭންޑްސް މާކެޓްގެ މުއްސަނދި ދަތުރުވެރިންނަށެވެ.

މި ފޭމް ޓްރިޕަކީ ނެދަލޭންޑްސް މާކެޓުގެ ގައުމުތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން، ނެދަލޭންޑްސްގެ ފަތުރުވެރިންނަށް ދިވެހިރާއްޖެއަކީ ގުދުރަތީގޮތުން ރައްކާތެރި، އަމާން ޒަޖީރާ މަންޒިލެއްކަން ޔަގީންކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މީގެ އިތުރުން، މި ހަރަކާތަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާއިއެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯ ޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ހިންގި ހަރަކާތެކެވެ.

މިދިޔަ އަހަރު ނެދަލޭންޑްސް މާކެޓުން ރާއްޖެއަށް 100،5 ފަތުރުވެރިން ވަނީ އައިސްފައެވެ. ޕެންޑެމިކްގެ ކުރިއަށް ބަލާނަމަ ނެދަލޭންޑްސް އަކީ ދިވެހިރާއްޖޭގެ ކުރިއަރަމުން އަންނަ މާކެޓްތަކުގެ ލިސްޓުގާހިމެނޭ، އަދި ރާއްޖޭގެ ޓޮޕް ވެސްޓަން ޔޫރަޕް މާކެޓުތަކާއި ޖިއޮގްރަފީގޮތުން ކައިރީގައިވާ ގައުމެކެވެ. ކޮވިޑް-19 ޕެންޑެމިކްގެ ފަހުން ނެދަލޭންޑްސްގެ އެރައިވަލްސް ދަނީ ފާހަގަކޮށްލެވޭ ވަރަށް އިތުރުވަމުންނެވެ. މިގޮތުން މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނެދަލޭންޑްސްއިން ދިވެހިރާއްޖެއަށް 295،2 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.