ޚަބަރު

އައިސީޓީ ރޮނގުން އަންހެންކުދިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދޭންޖެހޭ: ޝައުނާ


އައި.ސީ.ޓީގެ ދާއިރާއިން ރާއްޖޭގައި އަންހެން ކުދިންނަށް މިހާރަށްވުރެ ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދޭންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ބައިނަލްއަގްވާމީގޮތުން އަންހެން ކުދިންނަށް ޚާއްސަކޮށްގެން ފާހަގަކުރާ "އިންޓަރނޭޝަނަލް ގާލްސް އިން އައި.ސީ.ޓީ. ޑޭ" އާއި ގުޅިގެން ދެއްވި މެސެޖުގައެވެ. މި އަހަރުގެ "އިންޓަރނޭޝަނަލް ގާލްސް އިން އައި.ސީ.ޓީ ޑޭ" ގެ ޝިއާރަކީ "އެކްސެސް އެންޑް ސޭފްޓީ"އެވެ.

މި ދުވަހާއި ގުޅިގެން މިނިސްޓަރ ޝައުނާ ދެއްވި މެސެޖްގައި ވިދާޅުވީ، ބައިނަލްއަގްވާމީ ގޮތުން އަންހެންކުދިންނަށް ހާއްސަކޮށްގެން "އިންޓަރނޭޝަނަލް ގާލްސް އިން އައި.ސީ.ޓީ ޑޭ" ގެ ގޮތުގައި މިދުވަސް ކަނޑައެޅުމުގެ ބޭނުމަކީ ޓެކްނޯލޮޖީގެ ދާއިރާއިން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ކުރެވޭ ތަފާތު މަސައްކަތްތަކުގައި އަންހެންކުދިންގެ ބައިވެރިވުން އިތުރުކޮށް، ފުރުސަތު ފަހިކޮށްދިނުންކަމަށެވެ. އަދި ހާއްސަކޮށް މި އަހަރުގެ ޝިޢާރުގެ ދަށުން އަންހެން ކުދިންނަށް ރައްކާތެރިކަމާ އެކު މިދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުން ކަމަށެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑުމެންނަށްވެސް ގަބޫލު ކުރެވިފައިއޮތީ އަންހެން ކުދިންނަކީ ވަކިބާވަތެއްގެ މަސަތްކަތްތަކެއް ނޫނީ ނުކުރެވޭނެ ބައެއްގެ ގޮތުގައިކަމަށެވެ. އަދި މިހާރު އެކަން ބަދަލުވެފައިވާކަމަށާއި، އައި.ސީ.ޓީ ދާއިރާއިން ތައުލީމު ހާޞިލުކޮށްފައިވާ އަންހެން މުވައްޒަފުން ރާއްޖޭގައިވެސް މިއަދު އެބަތިބިކަމަށެވެ. ނަމަވެސް އަދިވެސް އެ ފަރާތްތަކަށް މި ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިކޮށްދޭންޖެހޭކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"މިއަދު އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަނީ އައި.ސީ.ޓީ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ އަންހެން މުވައްޒަފުން ދިވެހިރާއްޖޭގައި އެބަތިބިކަން. ނަމަވެސް އަދިވެސް މިހާރަށް ވުރެ ބޮޑަށް އަންހެން ކުދިންނަށް މިދާއިރާއިން ފުރުސަތު ފަހިކޮށް، ބައިވެރިވުން އިތުރުކޮށް ދިނުމަށް ޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަންޖެހޭ" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާގެ މެސެޖްގައި ވަނީ މުޖުތަމައުގައި އޮތް ދުވަސްވީ އާދަކާދައާއި ގަބޫލުކުރުންތައް ބަދަލުކޮށް ހުރިހާ އެންމެން އެކުގައި އައި.ސީ.ޓީ ދާއިރާއިން އަންހެން ކުދިންނަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ގޮވާލައްވާފައެވެ. އަދި ފިރިހެންކުދިންނެކޭ އެއްފަދައިން މި ދާއިރާއިން އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. ސަލާމަތްތެރިކަމާ ރައްކާތެރިކަމާއެކު ޚިދުމަތް ހޯދައި ލިބިގަތުމުގައި ޓެކްނޯލޮޖީގެ ބޭނުން ހިފުމަށްވެސް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، "އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން" ގެ ދިރާސާތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި އިންޓަނެޓް ބޭނުންކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ދެމެދު 17 އިންސައްތައިގެ ތަފާތެއް އެބަހުރި ކަމަށެވެ. އަދި މިތަފާތު ކުޑަކޮށް ތަރައްގީވެފައިވާ މުޖުތަމައު ތަކުގައި މިއަށްވުރެވެސް ބޮޑު ކަމަށެވެ. މި ހިސާބުތަކުން ދައްކުވައިދެނީ އަންހެން ކުދިންނަށް
އައި.ސީ.ޓީ ދާއިރާއިން ރައްކާތެރިކާމާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގައި ގޮންޖެހުންތަކެއް އެބަހުރިކަން ކަމަށެވެ.

މިކަމުން އެނގެނީ އަންހެން ކުދިންނަށް ތައުލީމާއި، ރަނގަޅު ވަޒީފާއާ އާމްދަނީ ހޯދުމަށްޓަކައި ތަފާތު މަސައްކަތް ކުރުމަށް ރައްކާތެރިކަމާއެކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުސަތު ކުޑަކަން ކަމަށް ދުވަހާއި ގުޅިގެން މިނިސްޓަރ ޝައުނާ ދެއްވި މެސެޖްގައި ވަނީ ވިދާޅުވެފައެވެ.