ޚަބަރު

އިޙްޔާ ފޯރަމްތައް އަޑުއަހަންދިޔަ ދެ މީހަކަށް ޢުމްރާ ދަތުރެއް


ރޯދަމަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި އިޙްޔާ ފޯރަމްތައް އަޑުއަހަން ދިޔަ މީހުންގެ ތެރެއިން ދެމީހަކަށް ހަދިޔާއެއްގެ ގޮތުގައި ޢުމްރާ ދަތުރެއް ދީފިއެވެ. ފޯރަމްތައް އަޑުއަހަންދިޔަ ހުރިހާ ބައިވެރިންގެ މެދުގައި ނެގި ގުރުއަތުން ޢުމްރާ ދަތުރު ލިބުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިޔަށް ގެންދިޔަ ސިލްސިލާ ރޭ ވަނީ ނިންމާލާފައެވެ. ރޭގެ ދަރުސަށްފަހު ފޯރަމްގައި ބައިވެރި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގާ ވަނަވަނަ އަށް ދިޔަ ފަރާތްތައް ވަނީ އިއުލާންކޮށްފައެވެ.

މިއަހަރުގެ ފޯރަމް މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް ވަނީ ބާއްވާފައެވެ. މާލެއާ އަތޮޅުތަކުގައި ބޭއްވި އިޙްޔާ ފޯރަމްތަކުގެ ތެރެއިން އެންމެ ފޯރަމެއް ފިޔަވާ ހުރިހާ ފޯރަމެއް ޕީއެސްއެމްގެ ޗެނަލްތަކުން ލައިވްކޮށްވަނީ ގެނެސްދީފައެވެ. ޕީއެސްއެމްގެ އަމިއްލަ ހަރަދުގައި އަތޮޅުތަކަށް ދަތުރުކޮށް އެ ރަށްރަށުން އިޙްޔާ ފޯރަމްތަކުގެ އިތުރުން ހުކުރު ނަމަދާއި އަސްރު ދަރުސްތައްވެސް ވަނީ ގެނެސްދީފައެވެ.

މިއަހަރު ބޭއްވި އިޙްޔާ ފޯރަމުގައި ބައިވެރިންނަށް ދިން އިނާމުތައް ހޮވާފައިވަނީ މާލެއާއި އަތޮޅުބައި ވަކިންނެވެ. ކޮންމެ ބަޔަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ވަނީ ހޮވާފައެވެ. ފޯރަމުގެ ބައިވެރިންނަށް އިނާމު ހުށައަޅާފައިވަނީ އެކި ކުންފުނިނިތަކުންނެވެ.

މި ފަހަރުގެ ފޯރަމްގެ ބައިވެރިންގެ ތެރެއިން މާލޭގެ ބައިން އެއްވަނަ ހޮވުނު ނަންބަރަކީ 2346 އެވެ. އެ ފަރާތެއް އިނާމެއްގެ ގޮތުގައި މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަނުން ސްޕޮންސަރ ކޮށްފައިވާ ޢުމްރާ ދަތުރެއް ވަނީ ލިބިފައެވެ. އަތޮޅުތަކުގެ ބައިން އެއްވަނައަށް ހޮވުނު 4665 ނަންބަރަށްވެސް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ޢުމްރާ ދަތުރެކެވެ. މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހަދިޔާކޮށްފައިވާ އިނާމެކެވެ.

މާލޭގެ ބައިން ދެވަނައަށް ހޮވުނު ނަންބަރަކީ 11016 އެކެވެ. އަދި އަތޮޅުތަކުގެ ބައިން ދެވަނައަށް ހޮވުނު ނަންބަރަކީ 6822 އެކެވެ. މި ދެ ބައިވެރިންނަށްވެސް އިނާމެއްގެ ގޮތުގައި ދީފައިވަނީ ދިރާގުން ހުށައެޅި ސެމްސަން ގެލެކްސީ އެސް22 ޕްލަސް ފޯނެކެވެ.

މާލޭ ބައިންނާއި އަތޮޅުތަކުގެ ބައިން 3 ވަނަ އަށް ހޮވުނު 2 ފަރާތަށް އިނާމެއްގެގޮތުގައި ދީފައިވަނީ އެންމެފަހުގެ 65 އިންޗީގެ ޓީވީއެކެވެ މި އިނާމު ހަދިޔާކޮށްފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، (މިފްކޯ) އިންނެވެ. މާލޭގެ ބައިން 3 ވަނައަށް ހޮވުނު ނަމްބަރަކީ 10007 އެވެ. އަތޮޅުތަކުގެ ބައިން 3 ވަނައަށް ހޮވުނު 3201 އެކެވެ.

މިނިސްޓްރީން ވިދާޅުވީ ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ މިނިސްޓްރީންގެ ނަމްބަރު 7924881 ވައިބަރ ކުރުމުން އިނާމު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި އިނާމާއި ޙަވާލުވާން އެހެން މީހަކު ފޮނުވާނަމަ އެމީހާގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައިކުރުމަށްފަހު އިނާމު ހަވާލުކުރާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދިޔަ އިޙްޔާ ފޯރަމުގެ އެންމެފަހު ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ "އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި" މި މައުޟޫޢުއަށެވެ. އަދި މި މައުޟޫޢަށް ތަޤްރީރު ކުރައްވާފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނާއި އައްޝައިޚް ފައްޔާޟް ޢަލީ މަނިކެވެ.