ތަޢުލީމު

ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 4 ބުރީގެ އިމާރާތެއް އަޅަނީ


ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހަތަރުބުރީގެ އިމާރާތެއްގައި ބާރަ ކްލާސްރޫމް އަޅަން މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.މިކަމަށްޓަކައި މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު އެވެ. މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝައީދެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މި މަޝްރޫޢަކީ ސަރުކާރާއި ވޯލްޑް ބޭންކު ގުޅިގެން ހިންގާ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްދާ މަޝްރޫޢެއް ކަމަށެވެ. ހަމައެހެންމެ މި މަޝްރޫޢު އެ ސްކޫލަށް އަމާޒުކުރުމުގެ ބޭނުމަކީ ރަށުން ބޭރުން އެންމެ ގިނަ އަދަދަކަށް ތައުލީމު ހާސިލްކުރުމަށް އަންނަ ސްކޫލަށްވެފައި އެ ސްކޫލުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވާތީ ކަމަށެވެ. އަދި އުއްމީދުކުރަނީ މިއަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް މުޅި ނިމި، އަންނަ އަހަރުގެ ކިޔެވުން ފެށޭއިރު އެ އިމާރާތުގެ ބޭނުން ކުރެވެން ފެށޭގޮތްވުން ކަމަށް ޝަފީއު ވިދާޅުވިއެވެ.ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އެޅުމަށް ހަމަޖެހުނު މި އިމާރާތަށް ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.ބ. އަތޮޅު ތައުލީމީ މަރުކަޒަކީ 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެކެވެ.