ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތައް ފްރެންޑްސް އޮފް މޯލްޑިވްސް، ޓީސީއެމް އަދި އެސްޓީއޯއިން ކާމިޔާބުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ކުޅުނު ފުރަތަމަ މެޗުގައި އެލިއާ މޯލްޑިވްސް އާއި ބައްދަލުކޮށް 39 ލަނޑުން މެޗު ކާމިޔާބުކުރީ ޓީސީއެމްއެވެ. ޓީސީއެމް ކުޅުންއަރާ 8 އޯވަރުގެ ތެރޭގައި 141 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި ޕިޔާލް އާއި 23 ލަނޑު ހެދި އަސާންކަ އެވެ. އަދި އަސްކާރް ވަނީ 3 ވިކެޓު ނަގައިފައެވެ. ޖަވާބުގައި އެލިއާ މޯލްޑިވްސްއިން ކުޅެން އަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 102 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި ކުސަރަ އަދި ރިލްވާންއެވެ.
ބުރާސްފަތި ދުވަހު ކުޅުނު ދެވަނަ މެޗު ފަތަހަ ސްޓާ އާއި ބައްދަލުކޮށް ދެ ލަނޑުން ކާމިޔާބުކުރީ ފްރެންޑްސް އޮފް މޯލްޑިވްސްއިންނެވެ. ފްރެންޑްސް އޮފް މޯލްޑިވްސްއިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 139 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި މަލިންދަ އާއި 24 ލަނޑު ހެދި ސާއީއެވެ. ޖަވާބުަގއި ފަތަހަ ސްޓާއިން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 137 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ލަނޑު ހެދި ސިމޯންއެވެ.
ބުރާސްފަތި ދުވަހު ކުޅުނު ތިންވަނަ މެޗު އެމްޓީސީސީ ބީ ޓީމާއި ބައްދަލުކޮށް އެސްޓީއޯއިން މެޗު ކާމިޔާބުކުރީ ދެ ވިކެޓުންނެވެ. އެމްޓީސީސީ ބީ ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 110 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑު ހެދި މޫތީ އާއި 25 ލަނޑު ހެދި ރަންޖީތުއެވެ. ޖަވާބުގައި އެސްޓީއޯއިން ކުޅެންއަރާ 8 ވަނަ އޯވަރުގައި 115 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި އަލްހާސް އާއި 25 ލަނޑު ހެދި ރުބެލްއެވެ.