ކުޅިވަރު

އަމާޒަކީ ބޮޑީބިލްޑިން ޓީމާއެކު ގިނަ މެޑެލް ހޯދުން: ވޮންގް


ގައުމީ ޓީމާއެކު އަންނަ ޖުލައި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާގެ 54 ވަނަ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި އަމާޒަކީ ވީހާވެސް ގިނަ މެޑެލް ހޯދުން ކަމަށް ގައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗު ހޮންގް ވޮންގް ބުނެފިއެވެ.

މި މުބާރާތަށް އަމާޒުކޮށް ގައުމީ ބޮޑީބިލްޑިން ޓީމާ ހަވާލުވި ހޮންގް ވޮން ވަނީ 1999 ވަނަ އަހަރުގެ މިސްޓަ އޭޝިއާ ކާމިޔާބުކޮށްފައެވެ. އަދި ހޮންގް ވޮން މީގެ ކުރިންވެސް ރާއްޖޭގެ ބޮޑީބިލްޑިން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނެއެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ހޮންގް ބުނީ ރާއްޖޭގެ ޓީމާއެކު އޭނާގެ އަމާޒަކީ ވީހާވެސް ގިނަ މެޑަލް ހޯދުން ކަމަށެވެ. އަދި މީގެ ކުރިންވެސް ރާއްޖޭގައި މަސައްކަތް ކުރެވިފައިވާ ކަމަށާއި، އެހެންކަމުން މިއީ އޭނާއަށް އައު ތަޖުރިބާއެއް ނޫން ކަމަށެވެ.

ހޮންގް ބުނީ ރާއްޖޭގެ އެތުލީޓުން ވަނީ މީގެ ކުރިންވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކާމިޔާބީތައް ހޯދައިފައި ކަމަށާއި، އަމިއްލަ ގައުމުގައި މި މުބާރާތް ބާއްވާއިރު އެކާމިޔާބީތައް ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ.

ހޮންގް ބުނީ އަމިއްލަ ގައުމުގައި މި މުބާރާތް ބޭއްވުން އެއީ މި ކުޅިވަރަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ސިއްހަތާއި ގުޅިފައިވާ ކުޅިވަރެއް ކަމުން މިއަހަރުގެ މުބާރާތާއެކު ރާއްޖޭގައި ބޮޑީބިލްޑިން ކުޅިވަރަށް ޒުވާނުން ޝައުގުވެރިކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، އެ މުއްދަތުގެ ތެރޭގައި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަނުގެ ކޮންގްރެސްވެސް ރާއްޖޭގައި ބާއްވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު 2019 ވަނަ އަހަރު ލިބުނުއިރު، ރާއްޖޭގައި މީގެ ކުރިން ބޭއްވި އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތް ބޭއްވީ މާލެ އާއި އައްޑޫ ސިޓީގައެވެ.

މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާއެވެ.