ޚަބަރު

ސްޓޫޑެންޓް ލޯނުގެ އިދާރީ ފީ %1އަށް ކުޑަކޮށްފި


މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ކުރިއަށްގެންދާ ހުރިހާ ސްޓޫޑަންޓް ލޯން ނުވަތަ ދަރިވަރުންގެ ލޯނުގެ އެޑްމިނިސްޓޭޝަން ފީ، އެކެއް އިންސައްތައަށް ކުޑަކޮށްފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ އިދާރީ ފީ %1އަށް ކުޑަކުރުމުގެ ސަބަބުން ދަރިވަރުންނަށް ވަރަށްބޮޑު ލުއިފަސޭހަކަމާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި ކިޔަވައި ނިމިގެން އެނބުރިއައިސް އެއްބަސްވެފައިވާގޮތަށް އެފައިސާ އަނބުރާ ދެއްކުމުގެ ކަންކަން ޒިންމާދާރުކަމާއެކު ކުރިއަށްގެންދާނެކަމަށް ޔަގީންކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ލޯނު ލިބޭ ދަރިވަރުން ލޯނު ފައިސާ ދައްކައިގެން މެނުވީ މުސްތަގުބަލުގައި އިތުރު ދަރިވަރުންނަށް ލޯނުގެ މިދަފަ ގިނަ ފުރުސަތުތައް ފަހިކޮށް ނުދެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދަރިވަރުންނަށް ދޫކުރާ ހުރިހާ ލޯނެއްގެ އެޑްމިނިސްޓްރޭޝަންފީ %1އަށް ކުޑަކުރުމާގުޅިގެން ކަމާގުޅުންހުރި އިދާރީ މަސައްކަތްތައް އެމިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. ލޯނު ނަގާފައިވާ ހުރިހާ ދަރިވަރުންނަށް ލޯނަށް ގެނެވުނު ބަދަލު ލިޔުމަކުން އަންގަމުން ގެންދާނެއެވެ. އަދި މަތީ ތައުލީމާއި ތަމްރީނު ހާސިލްކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ބޭންކް އޮފް މޯލްޑިވިސްއިން ލޯނު ނަގާފައިވާނަމަ، މި ޚިދުމަތައް އެދެން ބޭނުން ފަތާތްތަކުން ސިޓީއަކުން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އަ.އި.ޑީ ކާޑު ކޮޕީއާއި އެކު ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން މި މައުލޫމާތު ވެރިފައިކުރުމަށްފަހު ބޭންކް އޮފް މޯލްޑިވިސްއާއި ހިއްސާކުރުމުން، މިކަމާއި ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރިއަށް ގެންދަވާނީ ބޭންކް އޮފް މޯލްޑިވްސްއިންނެވެ.

މިސަރުކާރުގެ ފުރަތަމަ އަހަރުވެސް ދަރިވަރުންގެ ލޯނުތަކުގެ އެޑްމިނިސްޓްރޭޝަން ފީ ވަނީ %5އިން %3އަށް ކުޑަކޮށްފައެވެ. އެއީ 16 ޖޫން 2019ގައެވެ. ރާއްޖޭގައި މިވަގުތު ދަރިވަރުންގެ ލޯނުގެ ދަށުން 9،054 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.