ޚަބަރު

އެމްޓީސީސީން، ޑްރެޖަރުގެ ވަޒީފާތަކަށާއި ބަސް ޑްރައިވަރުންނަށް މީހުން ތަމްރީނުކުރަނީ


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ޑްރެޖިންގެ ވަޒީފާތަކަށާއި ބަސް ޑްރައިވަރުންނަށް މީހުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

"ޖޮއިން ޓީމް އެމްޓީސީސީ ކެމްޕެއިން 2022"ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގަރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ ވަޒީފާގެ މާހައުލުގައި ދެ ޖިންސުގެ މީހުން ތަމްރީނުކުރުމާއެކު ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމުގައެވެ. ޚާއްސަކޮށް އަންހެނުން ވަޒީފާގެ މާހައުލުގައި އިތުރުކުރުމަށް މީހުން ތަމްރީނުކުރުމަށް އެމްޓީސީސީން އިސްކަން ދެއްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށްބޮޑަށް އެދެން ވީހާވެސް ގިނަ އަންހެން ބޭފުޅުން އަޅުގަނޑުމެންގެ ވަޒީފާތަކަށް ކުރިމަތިލުން. އަދި އަޅުގަނޑުމެން ޓްރެއިނިންގދީގެން ތިބޭފުޅުންނަށް އިތުރު ފުރުސަތުތައް ދީގެންވެސް ނަގަން ތައްޔާރަށް މިތިބީ." އާދަމް އާޒިމް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން، ޑްރެޖަރ ބޭނުންކުރުމަށްޓަކައި، ޖުމުލަ 65 މީހަކު ތަމްރީންކުރާނެއެވެ. މިގޮތުން، ޑްރެޖް މާސްޓާ، ޑްރެޖް އޮޕަރޭޓަރު، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓަރު، ޓަގް ކްރޫ، ވެލްޑަރު އަދި ޑްރެޖް ސުޕަވައިޒަރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ވިދާޅުވީ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ މީހުންނަށް 10،000 ރުފިޔާއާއި 33،000 ރުފިޔާއާއި ދެމެދުގެ މުސާރައަކާއެކު އެ ކުންފުނީގެ ވަޒީފާ ހަމަޖެހޭނެ ކަމަށެވެ.

އެމްޓީސީސީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި ގެނެވޭ 34 ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ، ސ.ފޭދޫ، ސ.ހުޅުމީދޫ، ޏ.ފުވައްމުލަށް، ލ.ގަން، ލ.އިސްދޫގައެވެ. މިވަގުތު ބަހުގެ ހިދުމަތް ލިބެނީ ހަމައެކަނި ސ. ފޭދޫގައި ކަމަށްވިޔަސް، އައު ބަސްތައް ގެނައުމާއެކު މިދެންނެވި ރަށްރަށަށްވެސް ހިދުމަތް ފުޅާކުރާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓީސީސީން ވިދާޅުވީ ބަސް ދުއްވަން ނެނގޭ މީހުންނަށް ހުނަވަރު ޕްރޮގްރާމްގެ ދަށުން ތިން މަސްދުވަސްތެރޭ ތަމްރީންދީ ލައިސެންސް ލިބޭނެ ކަމަށެވެ. އަދި މި ތަމްރީން ކާމިޔާބު ކަމާއެކު ނިންމައި ލައިސަންސް ލިބޭ ފަރާތްތަކަށް 14،000 ރުފިޔާއާއި 18،000 ރުފިޔާގެ މުސާރައަކާއެކު ބަސް ޑްރައިވަރުންގެ ވަޒީފާ ހަމަޖެހޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި ޕްރޮގްރާމްގެ ދަށުން، ޖުމުލަ 22 ބަސް ޑްރައިވަރުން ރެކްރޫޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ވިދާޅުވީ އެކުންފުނީގެ ޑްރެޖަރުގެ ވަޒީފާތަކާއި ބަސް ޑްރައިވަރުން އަދި އެހެނިހެން ވަޒީފާތަކަށް ބޭނުންވާ ދިވެހިން ހޯދުމަށް ބާއްވާ "ރެކްރޫޓްމަންޓް އޯޕަން ޑޭ' އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން 22ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރެކްރޫމަންޓް އޯޕަންޑޭ ބާއްވަން ހަމަޖެހިފައިވާ ރަށްތައް

  • ހދ. ކުޅުދުއްފުށި – 3 މެއި
  • ހދ. ނޮޅިވަރަންފަރު – 4 މެއި
  • ސ. ފޭދޫ – 9 މެއި
  • ސ. ހިތަދޫ – 9 މެއި
  • ސ. ހުޅުމީދޫ – 10 މެއި
  • ޏ. މުވައްމުލަށް – 12 މެއި
  • ލ. ގަން – 14 މެއި
  • ލ. އިސްދޫ – 15 މެއި
  • ށ. ފުނަދޫ – 18 މެއި
  • ޅ. ހިންނަވަރު – 21 މެއި
  • ޅ. ނައިފަރު – 22 މެއި

މިއަހަރުގެ މިހާތަނަށް 171 ދިވެއްސަކަށް ވަޒީފާގެ ފުރުސަތު ދީފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މީގެ އިތުރުން ހުނަވަރު ޓްރެއިނިންގ ޕްރޮގްރާމްގެ ދަށުން 9 އަންހެނަކަށް ވަނީ ވަޒީފާގެ ފުރުސަތު ދީފައިކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.