ކުޑަޢީދާއި ދިމާކޮށް މާލޭގައި ކުރިއަށް ގެންދާ އެންމެ ފޯރިގަދަ ކުޅިވަރު ހަރަކާތް ކަމަށްވާ ބައިބަލާ މުބާރާތް މި އަހަރު ޔެސް ޓީވީން ގެނެސްދިނުމަށް ނިންމައިިފިއެވެ.
މި މުބާރާތް ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ނިންމާ އެއްބަސްވުމުގައި ސޮއިކުރީ ބުރާސްފަތި ދުވަހު ޕީއެސްއެމްގައެވެ. ޕަބްލިކް ސާވިސް މީޑިއާ އާއި ބައިބަލާ އެސޯސިއޭޝަނުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަލީ ހާލިދެވެ. ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނަރަލް ސެކެޓަރީ ސައީދު އަލީއެވެ.
ސޮއިކުރުމަށް ފަހު ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ އެމްޑީ އަލީ ހާލިދު ވިދާޅުވީ މި މުބާރާތަކީ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާ އަދި މުޅިރާއްޖެއިން ޓީމުތައް ބައިވެރިވާ މުބާރާތަކަށްވާތީ މުބާރާތް މުޅިރާއްޖެއަށް ފެނުމަކީ މުހިންމު ކަމެއްކަމަށް ދެކޭ ކަމަށެވެ. މި މުބާރާތް ޔެސް ޓީވީ އިން ގެނެސްދިނުމަށް ނިންމީ އެ ސަބަބައްޓަކާ ކަމަށް ވެސް އަލީ ހާލިދު ވިދާޅުވިއެވެ. މި މުބާރާތް މީގެ ކުރިން ކުރިޔަށްދިޔަ އިރު ވެސް ވަގުތުން ގެނެސްދިނުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް އަލީ ހާލިދު ވިދާޅުވިއެވެ.
"މި މުބާރާތުގައި މިހާރު ހާއްސަކޮށް މި ވާދަކުރަނީ މުޅި ރާއްޖެއިން ޓީމުތައް. އަނެއްކާ މި ކުޅިވަރު ވެފައި ވަނީ ޒުވާނުންގެ ކުޅިވަަރަކަށް، އެހެންކަމުން ޒުވާނުން އެހާގިނަ އަދަދަކަށް ބައިވެރިވާ ކުޅިވަރަކަށްވާއިރު މިއީ ރައްޔިތުންގެ ޓީވީއަކަށް ވާތީ މި މުބާރާތް ގެނެސްދިނުމަށް އިސްކަމެއް ދޭން ނިންމީއަލީ ހާލިދު
މުބާރާތާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސައީދު ވިދާޅުވީ މި ފަހަރުގެ މުބާރާތަކީ ތަފާތު ފޯރިގަދަ މުބާރާތަކަށް ވެގެންދާނެ ކަމަށާއި ސަބަބަކީ މުބާރާތް ނުބޭއްވި ދެ އަހަރު ވެފައިވުމުން ޒުވާނުން މި މުބާރާތައް ބޭނުންވެފައިވާލެއް ބޮޑުކަމެވެ.
މުބާރާތައް ޓީމުތަކުން ބޮޑެތި ހަރަދުތަކެއްކޮށް ތައްޔާރުވާން ފަށާފައިވާއިރު ގިނަ އަދަދެއްގެ ޓީމުތައް މިހާރު ވެސް ބައިވެރިވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މި މުބާރާތް ޔެސް ޓީވީ އިން ގެނެސްދިނުމަށް ނިންމީ ޔެސް ޓީވީ އަކީ މުޅި ރާއްޖޭގެ ކުޅިވަރު ކަވަރު ކުރާ ސްޕޯޓްސް ޗެނަލްއަށް ވެފައި މި ޗެނެލް މެދުވެރިކޮށް މުޅިރާއްޖެއަށް ބައިބަލާގެ މެޗުތައް ފެނިގެންދާނެތީ ކަމަށް ސައީދު ވިދާޅުވިއެވެ.
މި މުބާރާތުގައި މިހާރު ވެސް 26 ޓީމެއް ވަނީ ބައިވެރިވެފައެވެ. މިއަދަދު އަދި ވެސް އިތުވެގެންދާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެއެވެ. ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ކަޑައެޅިފައިވާއިރު ރަނައަޕް ޓީމަށް ސާޅިސް ހާސް ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މިސްޓާ ބައިބަލާ އާއި ފެއާޕްލޭ ޓީމަށް ފައިސާގެ އިނާމާއި އެވޯޑް ދިނުމަށް ވަނީ ނިންމާފައެވެ.