ކުޅިވަރު

މެސީގެ އިންޖަރީ ސީރިއަސް އެއް ނޫން


މެސީގެ އަނިޔާ ސީރިއަސް ނޫން ކަމަށް ބާސެލޯނާއިން ބުނެފިއެވެ.
ލީގުގައި އެންމެ ފަހުން އެތްލެޓިކް ބިލްބާއޯއާ ވާދަކުރިމެޗްގައި މެސީގެ ފަޔަށް
އަނިޔާވެ ބަދަލު ކުރަން ޖެހުނުއިރު، ބެލެވުނީ މެސީއަށް ދިމާވީ ހޭމްސްޓްރިންގެ
މައްސަލައެއް ކަމަށެވެ. ނަމަވެސް ޓެސްޓް ތަކަށްފަހު ބާސެލޯނާއިން ވަނީ މެސީގެ އަނިޔާ
ސީރިއަސް ނޫންކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ކޮޕަޑެލްރޭ ކުއަޓަރ ފައިނަލް
މެޗުން މެސީ ފެނުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެކްލަބުން ބުނެއެވެ. މެސީއަށް ވަނީ
މިސީޒަންގެ ކުރީކޮޅު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެމަސްދުވަހު ކުޅުމާ
ދުރުގައި ހުންނަން ޖެހިފައެވެ. ކޮޕަޑެލްރޭ ކުއަޓަރ ފައިނަލްގަ ބާސެލޯނާ ވާދަކުރަން
ޖެހޭނީ އެތްލެޓިކް ބިލްބާއޯއާއެވެ. މިދެޓީމް އެންމެ ފަހުން ލީގުގައި ކުޅުނު މެޗް ހަ ލަނޑު
ސުން ލަނޑުން ކާމިޔާބުކުރީވެސް ބާސެލޯނާއެވެ.އަނެއްކޮޅުން ރެއާލްމެޑްރިޑްގެ ތަރި ގެރެތް ބޭލް އަނިޔާގެ ސަބަބުން ތިން
ހަފްތާއަށް ކުޅުމާ ދުރަށް ދާން ވަނީ ޖެހިފައެވެ. ސްޕެނިޝް ލަލީގާގައި އެންމެ ފަހުން
ރެއާލްމެޑްރިޑާ ސްޕޯޓިންގ ގިޚޯން ވާދަކުރިމެޗްގެ ފުރަތަމަ ހާފްގައި ބޭލްގެ ފަޔަށް އަނިޔާވެގެން
ވަނީ ބަދަލުކޮށްފައެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބޭލް ތިން ހަފްތާއަށް ކުޅުމާ
ދުރަށް ދާން ޖެހޭނެ ކަން ރެއާލްމެޑްރިޑުން ވަނީ ޔަޤީންކޮށްދީފައެވެ. ކުރިއަށް އޮތް
ތިން ހަފްތާގައި ރެއާލްމެޑްރިޑް ކުޅޭނީ ލީގުގެ ތިން މެޗެވެ. އެއީ ރެއާލް ބެޓިސް،
އެސްޕަންޔޯލް އަދި ގްރަނާޑާއާ ވާދަކުރާ މެޗެވެ. ރެއާލްމެޑްރިޑުން ޤަބޫލް ކުރާ
ގޮތުގައި އަންނަ މަހުގެ ތޭރަ ވަނަ ދުވަހު ލީގުގައި އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް
ރެއާލް ކުޅޭ މެޗަށް ބޭލް ފިޓްވާނެއެވެ. ބޭލް ވަނީ މިސީޒަނުގައި ރެއާލްމެޑްރިޑަށް ތޭރަ
ގޯލް ކާމިޔާބުކޮށްދީފައެވެ.