ޚަބަރު

ބ.ހިތާދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި


ބ.ހިތާދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މިޚިދުމަތް ރަސްމީކޮށް ދޭންފެށީ އެމަރުކަޒުގެ 18 ވަނަ އަހަރީދުވަހުއެވެ. މިއާއެކު ބ.އަތޮޅުގެ 6 ރަށަކުން މިހާރު 24 ގަޑިއިރު ސިއްޙީ ޚިދުމަތް ލިބޭނެއެވެ.

ބ.އަތޮޅުގެ އެކި ސަރަހައްދު ތަކުގައި ރިސޯޓްތައް އޮންނަ އަތޮޅަކަށްވުމުން އެތަންތަނުން ޞިއްހީ ޚިދުމަތް ހޯދުމަށް މީގެ ކުރިން އަންނަން ޖެހެނީ އޭދަފުށްޓަށެވެ. އެހެން ނަމަވެސް 24 ގަޑިއިރު ޚިދުމަތް އަތޮޅުގެ އެކިހިސާބުތަކުގައި ހުރި ރަށްރަށުން މިހާރު ލިބެން ފެށުމުން ޚިދުމަތް އަވަސް ވެގެންދާނެކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ސިއްޙީ ނިޒާމް ފުޅާކޮށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުން ބޭނުންވާގޮތެވެ. ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާ ހިތާދޫ ކައުންސިލްގެ އެދުމަށް ބ.ހިތާދޫ ސިއްޙީ މަރުކަޒުގެ ހިދުމަތް 24 ގަޑި އިރަށް ބަދަލުކުރީ މިދިޔަ މާރިޗް މަހުގެ 8 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ރަސްމީކޮށް އެޙިދުމަތް ފެށުން މިއަދަށް މަޑުޖައްސާލީ މިއަދު މީ އެ ސިއްޙީ މަރުކަޒުގެ 18 ވަނަ އަހަރީދުވަހަށްވުމުންނެވެ.

ހިތާދޫ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އާމިރު އަބްދުއްލަތީފް ވިދާޅުވީ 24 ގަޑިއިރަށް ޚިދުމަތް ބަދަލުވިނަމަވެސް މުވައްޒފުން ދަތިކަން އެބަހުރިކަމަށާ، އެކަންކަން ހައްލު ކުރުމަށް ހެލްތު މިނިސްޓްރީއާ ބ.އަތޮޅު ހޮސްޕިޓަލާ ގުޅިގެން މަސަކަތް ކުރަމުންދާކަމަށެވެ. 24 ގަޑިއިރުގެ ޚިދުމަތް ދޭ ސިއްޙީ މަރުކަޒަކަށް ބަދަލުވިއިރު، 4 އެނދުގެ ވޯޑަކާ 1 އޯޕީޑީ އާ ލެބޯޓަރީއެއްގެ އިތުރުން ބޭސް އަޅާ ކޮޓަރި އާ ވިއްސާ ކޮޓަރިވެސް ހުރެއެވެ. 24 ގަޑިއިރުގެ ޚިދުމަތާއެކު މިހުރިހާ ޚިދުމަތްތަކެއް ފުޅާކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށާ، އެންމެ ބޮޑު އިސްކަމެއް ދެނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްކަމަށް އާމިރު ވިދާޅުވިއެވެ.

"24 ގަޑިއިރުގެ ހިދުމަތް ނުދިނަސް މިރޯދަމަހު އެކަނިވެސް ކޮންމެ ހަފްތާއަކު މަދުވެގެން 2 ނުވަތަ 3 ރޭ އެމަރޖަންސީކޮށް ހުޅުވާ ޚިދުމަތްދޭން ޖެހިފައި އޮތީ. އެއީ ވަރަށް ބޮޑު ދަތިކަމެއް ނިދާފައި ތިބޭބަޔަކު ގެނަސް މަރުކަޒު ހުޅުވާ މިހުރިހާ ކަމެއް ކުރަންވީމަ ބަލިމީހާއަށް ދޭންޖެހޭ ފަރުވާ ދިނުމުގައި ލަސްތަކެއް ކުރިމަތިވޭ އެހެން ނަމަވެސް ދެން އެކަކަމަށްވެސް ހައްލު ލިބިގެންދާނެ" އާމިރު ވިދާޅުވިއެވެ.

މިހާރު ޑޮކްޓަރުގެ ޚިދުމަތް ދެނީ ދުވާލު 8 ން މެންދުރު 1 އަށެވެ. އަދި ރޭގަނޑު އެއްގަޑިއިރަށެވެ. މިހާރު އެ މަރުކަޒުގައި ފަރުވާދިނުމަށް ހުރީ އެންމެ ޑޮކްޓަރެކެވެ ޚިދުމަތް ފޯރުކޮށްދޭ ވަގުތަށް ބަދަލުއައުމުން އިތުރު ޑޮކްޓަރެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އާމިރު ވިދާޅުވިއެވެ. އާމިރު ވިދާޅުވީ މުވައްޒަފުން ދަތިކަން ހައްލުކުރުމަށް މަދުވެގެން 3 މަސްދުވަސްނަގާނެކަމާށެވެ.

ހިތާދޫގެ ސިއްޙީ ޚިދުމަތް ފުޅާވުމާ ގުޅިގެން ރަށުގެ ރައްޔިތުންނާ ގުޅިގެން ސިއްޙީ ދުވަހާ ނަރުހުންގެ ދުވަހާ ސިއްޙީމަރުކަޒުގެ އަހަރީ ދުވަސް ކުލަދަގަކޮށް ފާހަގަކުރުމަށް ރާވަމުންދާ ކަމަށް ހިތާދޫ ސިއްޙީމަރުކަޒުން މައުލޫމާތުދެއެވެ.

ސަރުކާރުގެ ސިއްޙީ ސިޔާސަތާ އެއްގޮތައް މިޚިދުމަތް ފުޅާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ބ.އަތޮޅުން 24 ގަޑިއިރު ޚިދުމަތް ލިބޭގޮތައް މިސަރުކާރުން ބަދަލު ކުރީ 3 ސިއްޙީ މަރުކަޒެކެވެ. އެއީ ހިތާދޫގެ އިތުރުން ކެންދު އާއި ގޮއިދޫ ގައި ހުންނަ ހެލްތް ޕޯސްޓެވެ. މީގެ ކުރިން މިޚިދުމަތް ދެނީ ވެރިކަން ކުރާ އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނާއި ތުޅާދޫ ސިއްޙީ މަރުކަޒާއި ދަރަވަންދޫ ސިއްހީ މަރުކަޒުންނެވެ.