ކުޅިވަރު

ފްރެންޑްސް އޮފް މޯލްޑިވްސް، އެމްޓީސީސީ ބީ އަދި އަހިންސަކާސްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގައި ފްރެންޑްސް އޮފް މޯލްޑިވްސް، އެމްޓީސީސީ ބީ އަދި އަހިންސަކާސްއިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ބުދަ ދުވަހު ކުޅުނު ފުރަތަމަ މެޗު ލެމަންގްރާންސް އާއި ވާދަކޮށް ފްރެންޑްސް އޮފް މޯލްޑިވްސް ކާމިޔާބުކުރީ 6 ވިކެޓުންނެވެ. ލެމަންގްރާސް އިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 88 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 8 ލަނޑުހެދި ބިންދުއެވެ. މީގެ އިތުރުން ސަމީމް ވަނީ ދެ ވިކެޓު ނަގައިފައެވެ. ޖަވާބުގައި ފްރެންޑްސް އޮފް މޯލްޑިވްސް ކުޅެންއަރާ 7 ވަނަ އޯވަރުގައި 94 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ލަނޑު ހެދި އަމިލާ އަދި 18 ލަނޑު ހެދި މަލިންދައެވެ.

ބުދަ ދުވަހު ކުޅުނު ދެވަނަ މެޗު އެމްޓީސީސީ އޭ ޓީމާއި ބައްދަލުކޮށް އެމްޓީސީސީ ބީ ޓީމުން ކާމިޔާބުކުރީ 38 ލަނޑުންނެވެ. އެމްޓީސީސީ ބީ ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 125 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ލަނޑު ހެދި ރަންޖިތު އަދި ދުލާލްއެވެ. ޖަވާބުގައި އެމްޓީސީސީ އޭ ޓީމުން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 87 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި ހެސާން އަދި 25 ލަނޑުހެދި ތާރަކައެވެ.

މީގެ އިތުރުން ބުދަ ދުވަހު ކުޅުނު ތިންވަނަ މެޗު އިކުއިވަލަންޓާ ބައްދަލުކޮށް އަހިންސަކާސްއިން ކާމިޔާބުކުރީ 40 ލަނޑުންނެވެ. އަހިންސަކާސްއިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 126 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑުހެދި ހަސަންއެވެ. އަދި ޕްރިޔަންތަ ވަނީ 2 ވިކެޓު ނަގައިފައެވެ. ޖަވާބުގައި އިކްއިވަލަންޓް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 86 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 28 ލަނޑުހެދި ރަހްމާންއެވެ. އަދި އަމިލާ ވަނީ 2 ވިކެޓު ނަގައިފައެވެ.