ޚަބަރު

ޤުދުސްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި


އަލްއަޤްޞާ މިސްކިތާއި އަދި ޙަރަމުއްޝަރީފްގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތައް ދިވެހިރާއްޖެއިން އދ.ގެ ސަލާމަތީ މަޖިލީހުގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެއިން ދިން ބަޔާނުގައި، ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެރިވެފައިވާ އިސްރާއީލުގެ މީހުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ ސަބަބުން، ފަލަސްތީން ރައްޔިތުންގެ ހައްޤުތައް ގެއްލި، އެމީހުންގެ ކަރާމާތަށް އުނިކަން ލިބޭކަން ފާހަގަކުރިއެވެ. އަދި މިފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން، ސުލްހައިގެ މަސައްކަތް އަވަސްކޮށް، ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ތަންފީޒުކުރުން އަވަސްކުރަން ޖެހޭކަން އެނގިގެން ދިޔަކަމަށް ރާއްޖެއިން ފާހަގަކުރިއެވެ.

ސަލާމަތީ މަޖިލީހުގެ ޤަރާރުތަކުން، ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފުމާއި، ހުރުމަތްތެރިވެގެންވާ ބައިތުލްމަޤްދިސް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމާއި، ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައި، އެރަށަށް އެމްބަސީތައް ބަދަލުކުރުން، މިކަންކަމަކީ ބާތިލް އަދި ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށް ނިންމާފައިވާކަން ރާއްޖެއިން ފާހަގަކުރިއެވެ. އަދި ހަމައެއާއެކު، 1967 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައި ނުގަތުމަށް ސަލާމަތީ މަޖިލީހުގެ 2334 ވަނަ ޤަރާރުން ފާސްކޮށްފައިވާކަންވެސް ފާހަގަކުރިއެވެ.

މި ޤަރާރުތަކަށް އަމަލުކޮށް، ޤަރާރުތަކަށް ޤައުމުތަކުން ބޯލަނބާތޯ ސަލާމަތީ މަޖިލީހުން ކަށަވަރުކުރަން ޖެހޭނެކަމަށާއި، އެމަޖިލީހާއި މެދު އޮންނަ އިތުބާރު ބިނާވެފައިވަނީ އެކަމަށްކަމަށްވެސް ދިވެހިރާއްޖެއިން ހާމަކުރިއެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށާއި، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމަށް ރާއްޖެއިން ބުނަމުން އަންނަ ބުނުންވެސް ސަލާމަތީ މަޖިލީހުގައި ވަނީ ތަކުރާރުކޮށްފައެވެ.