ޚަބަރު

ހަނގުރާމައަށް ހުރަސްއަޅާނަމަ ޒަމާނީ ހަތިޔާރު ނެރެން މަޖުބޫރުވާނެ: ޕުޓިން


ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައަށް އެހެން ޤައުމުތަކުން ހުރަސްއަޅައި ޔޫކްރެއިނަށް އެކި ގޮތްގޮތުން އެހީތެރިވާނަމަ ރަޝިޔާގެ އެންމެ ޒަމާނީ އަދި އެންމެ ބާރުގަދަ ހަތިޔާރުތައް ހަނގުރާމައިގެ މައިދާނަށް ނެރެން މަޖުބޫރުވާނެކަމަށް އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ އެ ޤައުމުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެއްވެސް ޤައުމަކުން ހުރަސްއެޅުމަށް ޖާގަނުދެއްވާނެކަމަށެވެ. އަދި އެފަދަ ނިންމުމެއްގެ ސަބަބުން ރަޝިޔާއަށް ނުރައްކާވަނަމަ ފުލުފުލުގައި ރަޝިޔާގެ ވަރުގަދަ ޙަމަލާތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް ޕުޓިން ވިދާޅުވެފައިވެއެވެ. އަދި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއަށް ބޭނުންކުރެވޭނެ ގިނަ ޢަދަދެއްގެ ހަތިޔާރާއި އުކުޅުތައް އެބަހުރިކަން އޭނާވަނީ ފާހަގަކުރައްވައިފިއެވެ.

ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައަށް ރަޝިޔާއިން އުފައްދާފައިވާ އެންމެ ޒަމާނީ އަދި އެންމެ ބާރުގަދަ ހަތިޔާރުތަކެއް ނެރެފައެއް ނުވެއެވެ. އެ ގޮތުން ޔޫކްރެއިނަށް ޙަމަލާދިނުމަށް އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރައި ހައިޕާސޯނިކް މިސައިލުވެސް ރަޝިޔާއިން ބޭނުންކޮށްފައިވަނީ އެންމެ ދެ ފަހަރުއެވެ. އޭގެ އިތުރުން ރަޝިޔާއިން އުފައްދާފައިވާ އެންމެ ޒަމާނީ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޓޭންކަރުތައްވެސް ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ބޭނުންކުރަމުންނެއް ނުދެއެވެ. އޭގެ ބަދަލުގައި ފާއިތުވި ދުވަސްތަކުގައި ރަޝިޔާއިންވަނީ އައު އަސްކަރީ އީޖާދުތައް ތަޖުރިބާކޮށްފައެވެ. އޭގެ ތެރޭގައި އަޑަށްވުރެ ބާރަށް ދަތުރުކުރައި އަދި ނިޔުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. އެއީ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދުކަމަށްވާ ނޭޓޯއަށް ލިބިފައިވާ ޤާބިލުކަމެއް ނޫނެވެ.

ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެމެރިކާއާއި ނެޓޯއާއި ވިލާތުގެ އިއްތިޙާދުންވަނީ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވައިފައެވެ. އެ ގޮތުން އެމެރިކާއިން އެކަނި 3.6 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ޔޫކްރެއިނަށް ފޮނުވައިފައެވެ. ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް ފޮނުވަމުންދާ ހަތިޔާރުތަކުގެ ތެރޭގައި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޓޭންކަރުތަކާއި މަނަވަރުތަކާ ދެކޮޅަށް ބޭނުންކުރާ މިސައިލާއި ޓޭންކަރުފަދަ ބަރުހަތިޔާރު ހިމެނެއެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތުންވަނީ ޔޫކްރެއިނުގެ ފައުޖުތައް ތަމުރީނުކުރަންވެސް ފަށައިފައެވެ. އެހެންކަމުން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމަ އިތުރަށް ދިގުލައިގެންދާނެކަމަށްވަނީ ބެލެވިފައެވެ.