ޚަބަރު

ކޯވިޑް-19ގެ ފިޔަވަޅުތައް މެލޭޝިޔާއާއި ތުރުކީވިލާތުން އުވާލަނީ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މެލޭޝިޔާއާއި ތުރުކީވިލާތުން އުވާލަން ނިންމައިފިއެވެ.

މެލޭޝިޔާގެ ޞިއްޙަތާބެހޭ ވަޒީރު ޚައިރީ ޖަމާލުއްދީން ވިދާޅުވެފައިވަނީ އެ ޤައުމުގައި ވެކްސިން ނުޖަހާ މީހުންނާއި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންނާ ދެމެދު ތަފާތު ސިޔާސަތުތަކެއް ގެންގުޅުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި އެ ނިންމުމާއެކު ވެކްސިން ނުޖަހާ މީހުންނަށްވެސް ހުރިހާ ޚިދުމަތްތަކެއް ލިބެމުންދާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޢާއްމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކޮށްފައި އޮތްއޮތުންވެސްވަނީ އުވާލައިފައެވެ. ނަމަވެސް އަދިވެސް ބައެއް ޙާލަތްތަކުގައި އެ ޤައުމުގައި މާސްކުއެޅުން މަޖުބޫރުވާނެއެވެ. އެ ގޮތުން ޢާއްމު ބައެއް ތަންތަނުން ޚިދުމަތް ހޯދުމާއި ޢާއްމު ދަތުރުފަތުރުކުރުމުގެ ނިޒާމު ބޭނުންކުރާ ވަޤުތުތަކުގައި މާސްއަޅަން މަޖުބޫރުވާނެއެވެ. އޭގެ އިތުރުން ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވާ މީހުންނާއި ބަލިން ފަސޭހަވެފައިވާ މީހުން ޤައުމުން ފުރުމުގެ ކުރިންނާއި ޤައުމަށް އެތެވުމުގެ ކުރިން ބައްޔަށް ތަޙުލީލުކުރަން ނުޖެހޭ ގޮތަށްވެސްވަނީ ނިންމައިފައެވެ.

32 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާއަށް ކޯވިޑް-19ގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެ ގޮތުން އެ ޤައުމުގައި މީގެ އެއް މަސްދުވަސްކުރިން ކޯވިޑް-19ގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރެން ފެށުމުން ދުވާލެއްގެ މައްޗަށް 30،000 މީހުންވަނީ ބަލިޖެހިފައެވެ. ނަމަވެސް އެ ޢަދަދު މިހާރުވަނީ ދުވާލެއްގެ މައްޗަށް 3،300އަށް މަދުވެފައެވެ. އޭގެ އިތުރުން އެ ޤައުމުގެ %82 މީހުންވަނީ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައެވެ. އަދި %50 މީހުންވަނީ ވެކްސިންގެ ތިން ޑޯސް ފުރިހަމަކޮށްފައެވެ.

ތުރުކީވިލާތުންވެސްވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލަން ނިންމައިފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްތިބު ޢުރުދުޣާން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން ޢާއްމު ތަންތަނުގައި މާސްކުއެޅުން މަޖުބޫރުކޮށްފައި އޮތްއޮތުމަށްވެސް ނިމުމެއް ގެނައުމަށް އެ ޤައުމުގެ ސަރުކާރުން ނިންމާފައިވާކަމަށެވެ. ނަމަވެސް ޞިއްޙީ ޚިދުމަތް ހޯދައި ތަންތަނުގައާއި ޢާއްމު ދަތުރުފަތުރުކުރުމުގެ ނިޒާމު ބޭނުންކުރާ ވަޤުތުތަކުގައި މާސްއަޅަން މަޖުބޫރުވާނެއެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި ތުރުކީވިލާތުގައި ދުވާލެއްގެ މައްޗަށް 15،000 މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ. ނަމަވެސް އެ ޢަދަދު މިހާރުވަނީ 3،000އަށް މަދުވެފައެވެ.