ޚަބަރު

ކެންސަރު ފަރުވާއަށް 2021 ވަނަ އަހަރު އެކަނިވެސް 116 މިލިއަން ރުފިޔާ


ކެންސަރު ބައްޔަށް ފަރުވާކުރުމަށް މިދިޔަ އަހަރު އެކަނިވެސް 762 މީހަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އާސަންދަ ކުންފުނިން ހާމަކުރައްވައިފިއެވެ. މީގެތެރޭގައި ނިސްބަތުން ގިނައީ އަންހެނުންނެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ، އެންމެ ގިނަ ބަޔަކު ތަޙައްމަލުކުރަމުން އަންނަ އެއް ބައްޔަކީ ކެންސަރު ބައްޔެވެ. ކެންސަރުގެ އެކި ބާވަތްތައް ރާއްޖެއިން ފެނެއެވެ. އެހެންނަމަވެސް އެންމެ ޢާއްމު އެއްބާވަތަކީ އަނގައިގެ ކެންސަރުކަމަށް މިބަލީގައި ރާއްޖޭގައި ފަރުވާދެއްވާ ހަމައެކަނި އޮންކޯ ސަރޖަން ޑރ.ޝިފާން ވިދާޅުވެއެވެ. އަންހެނުންގެ މެދުގައި އެންމެ ޢާއްމު އެއްވައްތަރަކީ އުރަމަތީގެ ކެންސަރެވެ.

ރާއްޖޭގައި އަދި މިހާތަނަށް ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ދަފްތަރެއް އެކުލަވާލެވިފައި ނެތެވެ. އެހެންނަމަވެސް ރާއްޖޭގައި ކެންސަރުގެ އިތުރު ބާވަތެއް އިތުރުވަމުން އަންނަކަމުގެ އިންޒާރު އާސަންދައިގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން މިވޭތުވެދިޔަ 2021 ވަނަ އަހަރު އެންމެ ގިނަ ބަޔަކު ފަރުވާއަށް ފޮނުވާފައިވަނީ ތައިރޮއިޑް ކެންސަރަށެވެ. އެއީ 104 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 89 އަންހެނުންނާއި 15 ފިރިހެނުންނެވެ. ކޯވިޑްގެ ކުރިން 2019 ވަނަ އަހަރުގެ ތަފާސްހިސަބާށް ބަލާއިރުވެސް އެންމެ ގިނަ ބަޔަކު ފަރުވާއަށް ގޮސްފައިވަނީ މިބާވަތުގެ ކެންސަރަށެވެ. އެއަހަރު 79 މީހަކު އާސަންދައިގެ އެހީގައި ފުރުވާލާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 67 އަންހެނުންނާއި 12 ފިރިހެނުންނެވެ. އަދި 2020 ވަނަ އަހަރު އެންމެ ގިނައީ އުރަމަތީގެ ކެންސަރެވެ. އެއީ 52 އަންހެނުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިބައްޔަށް ފަރުވާ ހޯދުމަށް ރާއްޖެއިން މިދިޔަ އަހަރު އެކަނިވެސް 762 މީހަކު އާސަންދަ މެދުވެރިކޮށްވަނީ ބޭރަށް ފޮނުވާފައެވެ. މީގެތެރޭގައި ހިމެނެނީ 454 އަންހެނުންނާއި 308 ފިރިހެނުންނެވެ.

ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު އެނގެން ނެތެވެ. ނަމަވެސް އާސަންދަ މެދުވެރިކޮށް ފަރުވާ ލިބިގަންނަމުންދާ މީހުންގެ ޢަދަދުތަކުގެ އިތުރުން ކެންސަރަށް ބައްޔަށް އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު އާސަންދައިންވަނީ ހިއްސާކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ކެންސަރު ބަލިތަކާއި ގުޅިގެން ފަރުވާގެ ކަންކަމުގައި 20374 ފަހަރު އާސަންދަ އެހީ އެކި ގޮތްގޮތުންވަނީ ހޯދާފައެވެ. އަދި 2020 ވަނަ އަހަދު 21662 ފަހަރެއްގެ މަތިން މިބައްޔަށް އާސަންދަ މެދުވެރިކޮށް އެހީ ހޯދާފައިވެއެވެ. އަދި މިދިޔަ 2021 ވަނަ އަހަރު 29530 ފަހަރެއްގެ މަތިން އާސަންދައިންވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެތެރޭގައި އެކަކު ތަކުރާރުކޮށް ޚިދުމަތް ހޯދާފައި ހުރެދާނެތީ ސީދާ ކަނޑައެޅިގެން މިއީ ރާއްޖޭގައި ކެންސަރު ބަލި އޮތްވަރު ނޫންނަމަވެސް މިއީ ރާއްޖޭގައި ބަލީގެ ނުރައްކާ އިތުރުވަމުން އަންނަ ކަމުގެ އިންޒާރުތަކެއްކަމަށް އާސަންދައިން ވިދާޅުވެއެވެ.


ކެންސަރު ބައްޔަކީ ހަމައެކަނި ބަލި މީހާއާއި ބަލި މީހާގެ ޢާއިލާއިން އުފުލާ ބުރައެއް ނޫނެވެ. މުޅި ޤައުމު އެކަމުގައި ބައިވެރިވެއެވެ. ސަބަބަކީ ކެންސަރަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ގިނަ މީހުން ބަރޯސާވަނީ ޤައުމީ ހެލްތު އިންޝުއަރެންސް ޚިދުމަތައް ކަމަށްވާ އާސަންދައަށްވާއިރު މިއީ އިޤްތިޞާދަށްވެސް ކުރިމަތިވާ ނުރައްކަލެކެވެ. އާސަންދައިން ހާމަކުރައްވާފައިވާގޮތުގައި މިބައްޔަށް ފަރުވާ ހޯދުމަށް އެކަނިވެސް 2019 ވަނަ އަހަރު 92 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި 2020 ވަނަ އަހަރު 71.6 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ހޭދަކޮށްފައެވެ. އަދި މިދިޔަ 2021 ވަނަ އަހަރު އެކަނިވެސް މިބައްޔަށް ފަރުވާ ހޯދުމަށް 116.99 މިލިއަން ރުފިޔާ އާސަންދައިންވަނީ ޚަރަދުކޮށްފައެވެ. މިއީ ބަލި މީހާއާއި ޢާއިލާއާއި އިޤްތިޞާދުވެސް އުފުލާ ވޭނެކެވެ.

ރާއްޖޭގައި ކެންސަރު ޢާއްމުވަމުން އަންނަނީ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުންކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެހެންނަމަވެސް އެއީ ދިރާސާއެއްގެ މައްޗަށް ބުރަވެ ވިދާޅުވާ ވާހަކައަކަށްވުރެ ބޮޑަށް ޑޮކްޓަރަށް ދައްކަން ދިޔުމުން ބަލިމީހުންގެ ފަރާތުން ލިބޭ މަޢުލޫމާތުތަކުގެ އަލީގައި ޑޮކްޓަރުން ވިދާޅުވާ ވާހަކައެކެވެ. މިބަލީގެ ނުރައްކާ އިތުރުވުމުގެ ސަބަބުތައް ދެނެގަނެ އެކަމަށް ޚާއްސަ ދިރާސާއެއް ކުރުމަށް މިނިސްޓްރީ އޮފް ހެލްތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.