ވިޔަފާރި

މިފްކޯގެ "ޖަޒީރާ ރީފާރ" ބޯޓުން މަސް އެކްސްޕޯޓު ކުރަން ފަށައިފި


މިފްކޯއަށް އަލަށް ގެނައި 2500 މެޓްރިކް ޓަނުގެ ރީފާރ ވެސަލް "ޖަޒީރާ ރީފާރ" އިން މަސް އެކްސްޕޯޓުކުރުމުގެ ފުރަތަމަ ދަތުރުކޮށްފިއެވެ. މި ދަތުރުކޮށްފައިވަނީ އިއްޔެއެވެ.

އީޔޫ އާއި އައިއޯޓީސީގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ މި ބޯޓު ދަތުރު ކުރަނީ ތައިލެންޑަށެވެ. މިފްކޯގެ އަމިއްލަ ބޯޓެއްގައި މަސް އެކްސްޕޯޓު ކުރެވެން އަލުން ފެށި ފެށުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިބޯޓަކީ މަސް ގަތުމުގެ އޮޕަރޭޝަން ތަރައްގީ ކުރުމަށް ކުރެވިފައިވާ އިންވެސްޓްމަންޓް އެކެވެ.

މިފްކޯގެ އެންމެ ބޮޑު އަމާޒަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައިދީ އޭގެ މަންފާ ދިވެހި މަސްވެރިންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 24،500 ޓަނުގެ މަސް ގަނެފައިވާއިރު މަސް އެކްސްޕޯޓުކުރަން ބޭރުން ޗާޓަރ ކޮށްގެން 7 ރީފާރ ވެސެލްވަނީ ގެނެސްފައެވެ. ނަމަވެސް "ޖަޒީރާ ރީފަރ"ގެ ދަތުރާއެކު މިފްކޯއިން މަސް އެކްސްޕޯޓްކުރުމަށް ކުރާ މަސައްކަތްތައް އަވަސްކުރެވި ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯ ފްލީޓުގައި މި ބޯޓު ބޭނުން ކުރެވެނީ މަސް އެކްސްޕޯޓުކުރުމަށާއި ސްޓޯރޭޖެއް ގޮތުގައެވެ.

މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމަށާއި މަސްވެރިންނަށް ދެވޭ ޚިދުމަތްތައް ފުޅާކޮށް އިތުރަށް ފަސޭހަކޮށްދިނުމަށެވެ. އެގޮތުން މިފްކޯއިން ދަނީ އިތުރު މާކެޓްތަކަށް މަސް އެކްސްޕޯޓުކުރަމުންނެވެ.

ދެކުނުގެ މަސްވެރިކަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ރަނގަޅުވި ގޮތަށް މަސްވެރިކަން އަދިވެސް އެއްވަރެއްގައި ދަނީ ހިފެހެއްޓެމުންނެވެ. މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅު ވެފައިވާ މި ދަނޑިވަޅުގައި މަސް ގަނޑުކުރާ ފެސިލިޓީ ތަރައްގީ ކުރުމުގެ މަޝްރޫއެއް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ. އަދި މިފްކޯގެ ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީ ކުރުމަށް އިތުރު 9500 ޓަނުގެ ސްޓޯރޭޖް އެޅުމާއި ފެލިވަރު ކޭނަރީ އަޕްގްރޭޑް ކުރުންވެސް ދަނީ ކުރިއަށެވެ.