ވިޔަފާރި

މެދުއިރުމަތީގައި ޓީވީ ޗެނަލްތައް ހިންގާ ޒީ ނެޓްވޯކާއި ގުޅިގެން ރާއްޖެ އިޝްތިހާރުކުރަނީ


މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ޓީވީ ޗެނަލްތައް ހިންގާ ޒީ ނެޓްވޯކާއި އެމްއެމްޕީއާރުސީ ގުޅިގެން މަސައްކަތް ފަށައިފިއެވެ. މިއީ އެއް މަސް ދުވަހުގެ ކެމްޕެއިނެކެވެ.

މިކެމްޕެއިންގެ ދަށުން ރާއްޖޭގެ އިޝްތިހާރު, މެދުއިރުމައްޗަށް ޚާއްސަކޮށް ޒީ ނެޓްވޯކުން ހިންގާ ޒީ އަލްވާން އާއި ޒީ އަފްލާމް ޗެނަލްތަކުގައި 30 ދުވަސް ވަންދެން ދައްކާނެއެވެ. 15 ސިކުންތުގެ މިއިޝްތިހާރުތަކުގެ ޒަރިއްޔާއިން ރާއްޖެއަކީ މެދުއިރުމަތީ މާކެޓްގެ ޤައުމުތަކުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލުގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތައްވެސް އިޝްތިހާރުކުރެވޭނެއެވެ.

މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ލަގްޒަރީ، ރޮމޭންޓިކް، ހަނީމޫން، ފެމިލީ އަދި އެޑްވެންޗާ ސެގްމެންޓުވެސް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރާނެއެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ޒީ ނެޓްވޯކްގެ މި ދެ ޗެނަލް މެދުވެރިކޮށް މެދުއިރުމަތީ މާކެޓުގައި ރާއްޖޭގެ ބްރޭންޑަށް އޮންނަ ސަމާލުކަން އިތުރުކޮށް، މަންޒިލް އިތުރަށް އިޝްތިހާރު ކުރުމެވެ. ޒީ ނެޓްވޯކަކީ މެދުއިރުމަތީގެ ޤައުމުތަކުގައި މަޤުބޫލު ޗެނަލްތައް ހިންގާ ނެޓްވޯކެކެވެ.

ޒީ ނެޓްވޯކްގެ ޗެނަލްތަކަކީ މެދުއިރުމަތީގެ އާންމުންނާއި، އަރަބި އަދި ދެކުނު އޭޝިއާގެ އޯޑިއަންސްތައް ގިނައިން ބަލާ ޗެނަލްތަކެކެވެ. ޒީ އަލްވާން އަކީ އާންމު މުނިފޫހިފިލުވުމުގެ އެކި ޕްރޮގްރާމްތައް އަރަބި، މެދުއިރުމަތި އަދި އުތުރު އެފްރިކާގެ އޯޑިއަންސްތަކަށް ގެނެސްދޭ ޗެނަލެކެވެ.

މި ކެމްޕެއިން ކުރިއަށް މި ގެންދަނީ އެމްއެމްޕީއާރުސީން މެދުއިރުމައްޗަށް ޚާއްސަކޮށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ މި މާކެޓުގައި ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކޮށް، ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ބޭނުންވާ މަންޒިލްގެ ގޮތުގައި ޤާއިމްކުރުމަށެވެ.

މިދިޔަ އަހަރު 91413 ފަތުރުވެރިން ވަނީ މެދުއިރުމަތީ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ސައުދީ އަރަބިޔާ އަކީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓެވެ. މި އަހަރުގެ ޖަނަވަރީ މަހާ ހަމައަށް 19022 ފަތުރުވެރިންވަނީ މެދުއިރުމަތީގެ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.