ވިޔަފާރި

މޯލްޑިވިއަންއިން ރަތުމަލާނަ އެއަރޕޯޓަށް ކުރި ދަތުރުތައް މެދުކަނޑާލައިފި


ލަންކާގެ ހާލަތަށް ބަލައި އެ ޤައުމުގެ ރަތުމަލާނަ އެއަރޕޯޓަށް މޯލްޑިވިއަންއިން ކުރަމުން އައި ދަތުރުތައް މުއްދަތެއް ނެތްގޮތަށް މެދު ކަނޑާލައިފިއެވެ.

މޯލްޑިވިއަންއިން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ލަންކާގެ މިވަގުތު ހާލަތަށް ބަލައި މޭއި މަހުން ފެށިގެން މޯލްޑިވިއަންއިން ރަތުމަލާނަ އެއަރޕޯޓަށް ކުރަމުން އައި ދަތުރުތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި ބަދަލުވަމުންދާ ހާލަތަށް ބެލުމަށްފަހު ދަތުރުތައް އަލުން ފަށާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މޯލްޑިވިއަންއިން މިހެން ބުނެފައިވާއިރު، މިރަމަޟާން މަހާއި ގުޅިގެންވެސް އެ އެއަރލައިނުން ރަތުމަލާނަ އެއަރޕޯޓަށް ދަތުރުތައް ނުކުރެއެވެ.

ޤައުމީ އެއަރލައިނުން ރޯދަމަހު ދަތުރު މެދުކަނޑާލައި ބުނެފައިވަނީ ރޯދަމަހާއި ވިދިގެން ދަތުރުކުރާ ފަރާތްތައް މަދުވާނެ ކަމަށް މީގެ ކުރީންވެސް ލަފާ ކުރެވިފައި އޮތުމުން ދަތުރުތައް ރޯދަމަހު މެދު ކަނޑާލަން ކުރިންވެސް ނިންމާފައިވާކަމަށެވެ.

ރަތުމަލާނަ އެއަރޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް މިދިޔަ މާރިޗު މަހު 27 ވަނަ ދުވަހު ޝެޑިއުލްކޮށް ފެށިއެވެ. އޭރު 299 ޑޮލަރަށް މޯލްޑިވިއަންގެ ޓިކެޓުގެ އަގުހުރިއިރު، އެކުންފުނިން ދިޔައީ ހަފްތާއަކު 3 ފްލައިޓު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

ރަތުމަލާނަ އެއަރޕޯޓަށް ދަތުރުތައް އަލުން ފެށީ، 50 އަހަރު ފަހުންނެވެ. މި ދަތުރުތައް ފެށީ މިއެއަރޕޯޓު ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަ އެއަރޕޯޓެއްގެ ގޮތުގައި ލަންކާ ސަރުކާރުން ނިންމުމާއެކުއެވެ. ނަމަވެސް މިހާރު ލަންކާ މަސްރަހު އޮތްގޮތުންނާއި އިޤްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު އެޤައުމަށް ދަތުރުކުރާ ދިވެހިންގެ އަދަދުވެސް މިވަނީ ދައްވެފައެވެ.