ޚަބަރު

ހުޅުމާލެ ސާފުކުރުން ވެމްކޯއަށް: 50 މުވައްޒަފުން ހޯދަނީ


ހުޅުމާލޭގެ އާއްމު ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއާއި ހަވާލުކޮށްފިއެވެ. މި މަސައްކަތަށް 50 މުވައްޒަފުން ހޯދުމަށް ވެމްކޯއިން މިހާރުވަނީ އިޢުލާނު ކޮށްފައެވެ.

މާލެއާއި ވިލިމާލޭގެ މަގުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރަނީ ވެމްކޯއާއި ހަވާލުކޮށްގެންނެވެ. އެޗްޑީސީން ހުޅުމާލެ ސާފުކުރުމުގެ މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފައި މިވަނީ، ވަކި ނިޒާމެއްގެ ދަށުން ދެމެހެއްޓެނިވިި ގޮތެއްގައި މަގުތައް ސާފުކޮށް ބެލެހެއްޓުމަށެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙުމަދުއެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖުއެވެ.

މިއެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށް އާންމުކޮށް ހުޅުވާލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާރކުތަކާއި އަދި ބީޗް ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ.
އެގޮތުން ވެމްކޯއިން ކުނިކަހާ ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައިވަނީ މަގުތަކަށް އުކާފައި ހުންނަ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތަކެވެ. ވެމްކޯގެ ފަރާތުން މަގުތަކުގައި ބަހައްޓާ ޑަސްބިންތަކަށް ގޭގެއިން ނެރޭ ދުވަހު ކުނި ނޭޅުމަށްވަނީ އަންގާފައެވެ.

ހުޅުމާލޭގެ މަގުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތަށް 50 މުވައްޒަފުން ހޯދުމަށް ވެމްކޯއިން މިހާރު ވަނީ އިޢުލާންކޮށްފައެވެ. މަގުތަށް ކުނިކެހުމަށް ނަގާ މުވައްޒަފުންނަށް މަހަކު 8000 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.

ވަޒީފާއަށް ކުރިމަތިލާ މީހުން މޭ މަހުގެ 9ވަނަ ދުވަހު 12:00ގެ ކުރިން ވެމްކޯއަށް ފޯމް ހުށައަޅަން ޖެހޭނެއެވެ. ވެމްކޯއިން ބުނެފައިވަނީ ބަލައިގަންނާނީ އެންމެ ފުރަތަމަ ހުށައަޅާ 100 މީހުންގެ ފޯމުކަމަށެވެ.

ހުޅުމާލެ ސާފުކުރުމަށް ވެމްކޯއާއެކު އެއްބަސްވުން ހަދާފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށެވެ. ހުޅުމާލެ މަގުތައް ސާފުކުރުމަށް ވެމްކޯގެ މުވައްޒަފުން ނިކުންނަން ފަށާނީ މޭ މަހުގައެވެ.

ހުޅުމާލޭގެ ކުނި އުކާލުމުގެ މަސައްކަތުގައި އިތުރަށް ސަމާލްކަން ދޭންވީ ކަންކަންކަމުގެ ތެރޭގައި ކުނީގެ ޚިދުމަތަށް ގޭބިސީތަކުން ވީހާވެސް އަވަހަށް ރެޖިސްޓްރީކުރުމަށް ވަނީ އަންގާފައެވެ. ރެޖިސްޓްރީ ނުކުރާ ގެތަކަށް ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތެއް ނުލިބޭނެއެވެ.

އަދި ކެފޭތަކާއި ހޮޓާ އަދި އެހެނިހެން ވިޔަފާރިތަކުން އުކާލާ ކުނި މަގުމަޗަށް ދޫކޮށްނުލާ، ވެމްކޯގެ ކެޕްސް ޚިދުމަތް ހޯދުމަށްވަނީ އިލްތިމާސްކޮށްފައެވެ.