އާޖެންޓީނާ އާއި އިޓަލީއާ ދެމެދު ވެމްބްލީގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށްފަހު އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލާނެކަން ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ހާމަކޮށްފިއެވެ.
މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތެރޭގައެވެ.
އުމުރުން 37 އަހަރުގެ ކިއެލީނީ ވަނީ އިޓަލީ ޤައުމީ ޓީމަށް 116 މެޗް ކުޅެދީފައެވެ. އަދި އެންމެފަހުން އިޓަލީއިން ޔޫރޯ 2020 ކާމިޔާބުކުރިއިރު ކިއެލީނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކިއެލީނީ ހާމަކުރިގޮތުގައި އޭނާ ޤައުމީ ޓީމަށް އަލްވަދާއު ކިޔާނީ ވެމްބްލީގައެވެ. އެއީ ވެމްބްލީއަކީ އޭނާގެ ކެރިއަރުގައި އެންމެ ހާއްސަ ކާމިޔާބީ ހާސިލް ކުރެވިފައިޥާ ސްޓޭޑިއަމްކަމަށެވެ.
ކިއެލީނީ އިޓަލީ ޓީމަށް ކުޅެން ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. އަދި ކިއެލީނީ އަކީ އަންދްރޭ ޕީރްލޯ އާއެކު އިޓަލީ ޓީމަށް ފަސްވަނައަށް އެންމެ ގިނަ މެޗް ކުޅެދީފައިޥާ ކުޅުންތެރިޔާއެވެ. އެއަށްވުރެ ގިނައިން ޤައުމީ ޓީމަށް ކުޅެފައިވަނީ ޑެނިއެލާ ޑި ރޯސީ، ޕައޮލޯ މަލްޑީނީ، ފަބިއޯ ކަނަވާރޯ އަދި ޖިއާންލުއިޖީ ބޫފޯންއެވެ.
ކިއެލީނީ ހާމަކުރިގޮތުގައި އޭނާ ބޭނުންވަނީ ހާއްސަ ހަނދާނަކާއެކު ޤައުމީ ޓީމަށް އަލްވަދާއު ކިޔަން ކަމަށެވެ. އިޓަލީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ޔުވެންޓަސްއަށް ކުޅުން އަދި ހުއްޓާ ނުލާނެކަމަށް އޭނާ ހާމަކުރިއެވެ.