ކުޅިވަރު

ފުރަތަމަ ލެގުގައި ސިޓީން ރެއާލް ބަލިކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގު މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެެވެ. އަދި މިމެޗް ސިޓީއިން ފެށީ ވަރަށް ފޯރިއާއެކުއެވެ. ނަތީޖާއަކަށްވެގެންދިޔައީ މެޗްގެ 2 ވަނަ މިނެޓްގައި ސިޓީއިން މިމެޗްގެ ލީޑު ނެގުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކެވިން ޑި ބްރުއިނަރއެވެ.

އަދި މިލަނޑު ޖެހިތާ ނުވަ މިނެޓްފަހުން ގެބްރިއެލް ޖޭސުސްވަނީ ސިޓީއަށް އެޓީމްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ވަރަށް ގާތްގާތުގައި އިތުރު ދެ ލަނޑު ޖެހުމުގެ ފުރުސަތު ސިޓީއަށް ލިބި ބޭކާރުވެގެންވެސް ދިޔައެވެ.

މިމެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު މެޗްގައ ިއެޓީމަށް އުފެއްދުނު ފުރަތަމަ ހަމަލާގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކަރީމް ބެންޒީމާއެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް މިމެޗްގެ ދެވަނަ ހާފްވެސް ސިޓީއިން ފެށީ ވަރަށް ފޮރީގައެވެ. މިގޮތުން މެޗްގެ 53 ވަނަ މިނެޓްގައި ސިޓީގެ ޒުވާން ކުޅުންތެރިޔާ ފިލް ފޯޑަންވަނީ ލަނޑެއް ޖަހާ މެޗްގައި އަނެއްކާވެސް ސިޓީއަށް ދެ ގޯލްގެ ލީޑު ނަގާދީފައެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެ މިނެޓް ފަހުން ރެއާލްގެ ވިނީޝިއަސް ޖޫނިއަރވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ.

މިމެޗްގައި ސިޓީއިން ޖެހި ހަތަރު ވަނަ ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީ ބެނާޑޯ ސިލްވަރައެވެ. އަދި ރެއާލްގެ ފަހު ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމްގެ ފުރަތަމަ ލަނޑުވެސް ޖަހާދިން ބެންޒީމާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސިޓީއަށް ލިބިގެންދިޔައިރު ރެއާލްއިންވެސް ވަނީ ސިޓީގެ ގޯލަށް ދޭތެރެ ދޭތެރެއިން ނުރައްކާކޮށްފައެވެ.

މިކާމިޔާބީއާއެކު ސިޓީއިން އެއް ލަނޑުގެ ލީޑަކާއެކު ދެވަނަ ލެގަށް ނިކުންނައިރު ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހަފްތާގައި ރެއާލްގެ ދަނޑުގައެވެ. މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި މިރޭ ބައްދަލުކުރާނީ ލިވަޕޫލާއި ވިޔަރެއާލްއެވެ.