ވިޔަފާރި

"މޯލްޑިވްސް ޓުއަރިޒަމް ގްރީން އެވޯޑް" ތަޢާރަފް ކުރަނީ


ފަތުރުވެރިކަމުގެ ސިނާއަތުގައި
ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒްކޮށްގެން "މޯލްޑިވްސް ޓޫރިޒަމް ގްރީން
އެވޯޑް" ގެ ނަމުގައި އެވޯޑެއް ތައާރަފްކުރުމަށް ޓޫރިޒަމް މިނިސްޓްރީން
ނިންމަވައިފިއެވެ.

މޯލްޑިވްސް ޓޫރިޒަމް ގްރީން
އެވޯޑަކީ، ފަތުރުވެރިކަމުގެ ދާއިރާއިން
ތިމާވެށި ހިމާޔަތްކުރުމާއި ތިމާވެއްޓާ ރަހުމަތްތެރި ދެމެހެއްޓެނިވި ޕްރޮގްރާމްތައް
ހިންގާ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.

ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު
ދެއްވާ ގޮތުގައި މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ، 4 ކެޓަގަރީއަކުން. އެ 4 ކެޓަރގަރީއަކީ، ޓޫރިސްޓް
ރިސޯޓްތައް، ސަފާރީތައް، ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގެ ބައެވެ. މީގެތެރެއިން
ކޮންމެ ކެޓަގަރީ އަކުންވެސް ބުރޮންސް، ސިލްވަރ، އަދި ގޯލްޑް އެވޯޑް ދިނުމަށް
ހަމަޖެހިފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މި އެވޯޑް މިއަހަރުގެ ތެރޭގައި
ދޭން ފެށުމަށް ހަމަޖެހިފައިވާ އިރު، ޓޫރިޒަމް މިނިސްޓްރީން މިހާރުވަނީ މި އެވޯޑް
ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފައެވެ.