ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން މީރާއިން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން މީރާއިން ހޯދާފައިވަނީ ފައިނަލް މެޗުގައި ކަސްޓަމްސް އަތުން 15 ލަނޑުން މޮޅުވެގެންނެވެ.
އަންގާރަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގެ ޓޮސް ދިމާވުމުން ކަސްޓަމްސް އިން ގަސްދުކުރީ ހޮވުމަށެވެ. މީރާއިން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން 146 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 73 ލަނޑުހެދި ކަމްރުލްއެވެ.
ޖަވާބުގައި ކަސްޓަމްސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 131 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 50 ލަނޑު ހެދި މުޙައްމަދު އާމިރުއެވެ.
އޮފީސް ޓޭޕްބޯލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މީރާގެ ކަމްރިލް އިސްމާއިލްއެވެ. އަދި މުބާރާތުގެ އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކްލަބްގެ މުޙައްމަދު ތޯރިގެވެ.
މީގެ އިތުރުން އަންގާރަ ދުވަހު ވަނީ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ މެޗެއްވެސް ކުޅެފައެވެ. އެލިއާ މޯލްޑިވްސް އާއި ބައްދަލުކޮށް އެ މެޗު 72 ލަނޑުން ކާމިޔާބުކުރީ އެސްޓީއޯ އިންނެވެ.
އެސްޓީއޯއިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 174 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި ރަބީއުލް އާލަމްއެވެ. ޖަވާބުގައި އެލިއާ މޯލްޑިވްސްއިން ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 102 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 26 ލަނޑު ހެދި މުއާދު ޖިފްރީއެވެ.