ކުޅިވަރު

ރަމަޟާން ކަޕް 1443 ކާމިޔާބުކަމާއެކު ނިންމާލައިފި


ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މި ރަމަޟާން މަހު ކުރިއަށްގެންދިޔަ ރަމަޟާން ކަޕް 1443 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މުބާރާތަކީ ޓެނިސް އެސޯސިއޭޝަނުގެ ކަލަންޑަރުގައި މި އަހަރު ހިމެނޭ މުބާރާތެއް ނޫނެވެ. އެކަމަކު ރަމަޟާން މަހާ ދިމާކޮށް މުބާރާތެއް ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމީ ޓެނިސް ކުޅޭ އެކި އުމުރުފުރާގެ ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކޮށް ވާދަވެރި މާހައުލެއްގައި ކުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ދެ އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މީކާ މުޙައްމަދު ކަލީމް އާއި އާދަމް އާލް ނިޔާޒްގެ ޕެއާއެވެ. އަދި އެ އުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނީމް އަޙްމަދު ސަލީމް އާއި މަންހާ މުޙައްމަދު އަލީގެ ޕެއާއެވެ.

18 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ދާއޫދު ޝަހީބް އަދި މުޙައްމަދު ނޫހް ނާޒިމްގެ ޕެއާއިން ހޯދިއިރު، އެ އުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަޔާރާ އުސާމާ އަލީ އަދި އާރާ އާސާލް އާޒިމްގެ ޕެއާއެވެ.

މި މުބާރާތުގެ ޓީމް އިވެންޓުގެ ބައިން ތިންވަނަ ޓީމަކަށް ހޮވިފައިވަނީ މެކުނު އެވެ. އަދި ދެވަނަ ޓީމަކަށް ހޮވުނީ ބްލެކްއެވެ. ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ޓީމް ވޮރިއާސްއެވެ. ފެއާ ޕްލޭ ޓީމަކީ ޓީމް ވީރުއެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ މި މުބާރާތް ކާމިޔާބުކަމާއެކު މިއަހަރު ގެންދެވުމާއެކު އަންނަ އަހަރުން ފެށިގެން މި މުބާރާތަކީ ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދާނެ މުބާރާތެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ.